ހުޅުމާލެ އަޒީޒާ މިސްކިތަށް ނަމާދަށް ދިޔަ އުމުރުން ދުވަސްވީ މީހަކަށް ހަމަލާދީ، މާރާމާރީ ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އިންޑިއާ މީހާއަށް ދަޢުވާ ނުކޮށް ޑީޕޯޓް ކޮށްލައިފި އެވެ.
ފުލުހުން ބުނީ އެމީހާއަށް ދައުވާ ނުކުރުމަށް ނިންމީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކަމަށެވެ. ފުލުހުން އެ މައްސަލަ ތަހުގީގުކޮށް، މައްސަލަ ނިންމައި މިދިޔަ ހަފްތާގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ވާކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް ޕީޖީން އޭނާގެ މައްޗަށް ދަޢުވާ ނުކުރަން ނިންމި ސީދާ ސަބަބެއް ނޭނގެއެވެ.
އެ މައްސަލާގައި އިންޑިއާ މީހާ ހައްޔަރު ކުރުމަށްފަހު ފުލުހުން ބުނީ އެ މީހާ ހަމަލާދިނީ، އުމުރުން ދުވަސްވީ މީހާގެ ގައިން ވަހެއް ދުވާތީ ކަމަށް ބުނެ، އޭނާ މިސްކިތުން ނެރެން އުޅުމަށް ފަހު ކަމަށެވެ. މި މައްސަލައާ ގުޅިގެން އެ ސަރަހައްދަށް ގިނަ ބަޔަކު އެއްވިއެވެ.
މިހާދިސާއާއި ގުޅިގެން އެމީހާއާއިމެދު ޤާނޫނީ ފިޔަވަޅު އެޅުމަށް ގިނަބަޔަކު ވަނީ ގޮވާލާފައެވެ. އެގޮތުން ކުރީގެ މެމްބަރު އިބްރާހިމް ދީދީ ވެސް ވަނީ މިހަމަލާދިން އިންޑިޔާ މީހާ ޑީޕޯޓް ކޮށް ނުލައި ޤާނޫނީ ފިޔަވަޅު އަޅަންޖެހޭ ކަމަށް ވިދާޅުވެފައެވެ.
ރާއްޖޭގައި އުޅޭ އިންޑިޔާ މީހުންގެ ފަރާތުން ފަހަކަށް އައިސް ކުށްކުރުން އާންމުވެ، އެމީހުންނަށް ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު ނޭޅޭ މައްސަލާގައި ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިޔާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ އިންޑީޔާ މީހުން ޤާނޫނީ އިމުން ބޭރުން ކުރާ ކަންކަމުގައިވެސް ފިޔަވަޅު ނޭޅެނީ ރާއްޖޭގެ ސަރުކާރާއި އިންޑިޔާ ސަރުކާރާއި ދެމެދު އޮތް އަޑި ނޭގޭ ގުޅުންތަކުގެ ސަބަބުންކަމަށެވެ.
ކޮމެންޓު ފޮނުވާ