އިޖްތިމާއީ ހިދުމަތެއްގެ ގޮތުގައި ސިފައިންގެ ވަސީލަތްތައް އަބަދުވެސް ފޯރުކޮށްދެން: އެމްއެންޑީއެފް

އިޖްތިމާއީ ހިދުމަތެއްގެ ގޮތުގައި ސިފައިންގެ ވަސީލަތްތައް އަބަދުވެސް ފޯރުކޮށްދެން: އެމްއެންޑީއެފް

Author
ޢަލީ އާދަމް
27 ޖެނުއަރީ 2021 02:20
0

އާންމު ރައްޔިތުންނާއި، ވަކިވަކި ފަރުދުންނާއި އަމިއްލަ ޖަމިއްޔާ ޖަމާޢަތްތަކާއި މީޑިއާތަކާއި ކުންފުނިތަކާއި ކައުންސިލްތަކުން އަދި ސުކޫލް މަދަރުސާތަކުން އިންތިޒާމްކުރާ ހަރަކާތްތަކުގައި ދިވެހި އަސްކަރިއްޔާގެ އެހީތެރިކަމަށް، އެދޭނަމަ ސިފައިންގެ އޮޕަރޭޝަންތަކަށް ދަތިނުވާނެ ގޮތެއްގެ މަތިން ލިބެން ހުރި ވަސީލަތްތައް ފޯރުކޮށްދެމުންދާކަމަށް އެމްއެންޑީއެފްގެ ތަރުޖަމާން މެޖަރ އިބްރާހީމް އާޒިމް ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގެ ޝޫޓިންގައި ސިފައިންގެ އުޅަނދުތަކާއި ވަސީލަތް ބޭނުންކުރީ ކޮން އުސޫލަކުންތޯއާއި އެފަދަ ފުރުސަތެއް އެހެން މީޑިއާތަކަށް އޮތްތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެމުން އާޒިމް ވިދާޅުވީ މިއީ ޒަމާނުންސުރެ ވެސް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން އަމަލުކުރަމުން އައި ގޮތްކަމަށެވެ.

އަދި މިއީ ރައްޔިތުންނާއި ދިވެހި އަސްކަރިއްޔާއާ ދެމެދު އޮންނަ ބަދަހި ގުޅުމާއި އިތުބާރު، އިތުރަށް ބަދަހިކޮށް ދެމެހެއްޓުމުގެ މާތް މަޤްޞަދުގައި، ސިފައިން ފޯރުކޮށްދެމުންދާ އިޖްތިމާއީ ހިދުމަތެއް ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި އިންޑިއާގެ ހެލިކޮޕްޓަރ

ރާއްޖެ ޓީވީން އަންނަ ރޯދަމަހު ގެނެސްދިނުމަށް ތައްޔާރުކުރާ ޕްރޮގްރާމެއްގެ ޝޫޓިންގައި އިންޑިއާއިން ދިވެހި ސިފައިންނަށް ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރ ބޭނުންކުރުމުން ގިނަބައެއްގެ ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ. ޝޯވގެ ޝޫޓިންގ އަށް ހެލިކޮޕްޓަރގެ އިތުރުން އެމްއެންޑީއެފްގެ އިތުރު އެހެން އުޅަނދުތައްވެސް ބޭނުން ކޮށްފައި ވާކަމަށް މައުލޫމާތު ލިބެއެވެ. އަދި އުޅަނދުތަށް އޮޕަރޭޓްކުރުމުގައި ގިނައަދަދެއްގެ ސިފައިންވެސް ހަރަކާތްތެރިވިކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

އިޖްތިމާއީ ހިދުމަތެއްގެ ގޮތުގައި ސިފައިންގެ ވަސީލަތްތައް ފޯރުކޮށްދޭކަމަށް އެމްއެންޑީއެފުން ބުނި ނަމަވެސް، ވިޔަފާރި އުސޫލުން ފައިދާ ވާނެހެން ހިންގާ މިފަދަ ޓީވީ ޕްރޮގްރާމެއްގައި ދައުލަތުގެ މުދާ މިފަދަގޮތަކަށް ބޭނުންކުރުމުން ކޮރަޕްޝަނަށް ނުވޭތޯ ގިނަބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ. ރައްޔިތުންގެ ޓެކްސް ފައިސާއިން ބޮޑު އަދަދެއް ހޭދަކޮށްގެން ހިންގާ ގައުމީ ދިފާއީ ބާރުގެ މިފަދަ ވަސީތްތައް ވަކިބަޔަކު ވިޔަފާރި ފައިދާ ހޯދުމަށް ބޭނުންކުރެވިގެން ނުވާނެ ކަމަށް ގިނަބަޔަކު ގެންދަނީ ބުނަމުންނެވެ.

ރާއްޖެ ޓީވީ އަކީ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީދާއިރާގެ އެމްޑީޕީ މެމްބަރު އަޙްމަދު ސަލީމްގެ މޭސްތިރި ކަމުގައި ހިންގާ ޓީވީ ޗެނަލެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އިބްނި މުޙައްމަދު
ސިފައިންގެ ތިޔަ "ރައްދަކީ" ރައްދެއް ނޫން. އަދި އެއީ ޒިންމާދާޜުކަމެއް ނެތް ހާސަރެއް. އެހެނީ ރައްޔިތުންނަށް ސިފައިންގެ އެފަދަ ވަސީލަތެއް ދުވަހަކުވެސް ބޭނުންކުރާން ދީފައެއް ނެތް. ހާލުގައިޖެހޭ މީހުންނަށް އެހީވުމަކީ އެހެންކަމެއް. ޓީވީ އިސްޓޭޝަންތަކަށް އެ މީހުންގެ ޝޫޓިންގ ތަކަށް ސިފައިންގެ ވަސީލަތްތައް ދޫކުރާނަމަ، އެކަން ކުރީން އިޢުލާނުކުރާޏްޖެހޭނެ. އަދި ޕްރޮޕޯސަލް ހުށަހަޅައިގެން އެންމެ ރަނގަޅު ޕްރޮޕޯސަލެއް ހުށަހެޅި ބަޔަކަށް އެ ފުރުޞަތު ދިންނަމަ، ކިޔާނެ އެއްޗެއް ނޯވެދާނެ. އެކަމަކު، ސަރުކާރަށް ސަނާކިޔާ ވަކި މީޑިއާއެއްގެ ވީޑިއޯ ހަދާން ރައްޔިތުންގެ މުދާ އެ ގޮތަށް ދޫކުރުމަކީ ކޮރަޕްޝަން ނޫންކަމަކަށް ނުވާނެ. ބާރު ލިބިފައި އޮތީމާ ޚުދުމުޚުތާޜުކަމާއެކު މިއަދު ކަންކަން ކުރެވުމަކީ އެއީ ޢަދުލުވެރިކަން ކަމަށް ވާނެ ކަމެއްނޫން. ސިފައިންނަށް އެންމެ އެއްޗެހިގޮވާފައި އޮތީ، އަދި ފަހުން ގޮވާނީ ވެސް ރާއްޖެ ޓީވީއިންކަން ސިފައިން ހަނދާން ނެތުމަކީ ވަރަށް ބޮޑު މައްސަލައެއް. މި ނޫން ދުވަހެއް ވެސް އަންނާނެކަން ހަނދާންކުރާންޖެހޭނެ.