ބޭރުގައުމުގެ ހަނގުރާމަވެރި ސިފައިން ރާއްޖޭގައި ގާއިމްވެ ތިބުން އެއީ ރަނގަޅު ކަމެއްކަމަށް ދެއްކޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީން އަންނަ ރޯދަމަހު ގެނެސްދިނުމަށް ތައްޔާރުކުރާ ޕްރޮގްރާމެއްގެ ޝޫޓިންގައި އިންޑިއާއިން ދިވެހި ސިފައިންނަށް ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރ ބޭނުންކުރުމާ ގުޅޭގޮތުން އުމަރު ވިދާޅުވީ، މި ޕްރޮގްރާމްގެ ތެރެއިން މަސައްކަތްކޮށްފައި އެވަނީ ރާއްޖޭގައި އިންޑިއާގެ ހަނގުރާމަވެރި ސިފައިން ތިބޭ ތިބުން ރަނގަޅު ކަމަށް ދެއްކުމަށާއި އެކަން ޕްރޮމޯޓް ކުރަން ކަމަށެވެ.
ނަމަވެސް އިންޑިއާ ހަނގުރާމަވެރި ސިފައިން ރާއްޖޭގައި ތިބޭ ތިބުން އެއްވެސް ގޮތަކުން ރަނގަޅު ކަމެއް ކަމުގައި ދިވެހިންނަށް ބަލައި ނުގަނެވޭނެ ކަމަށާއި މިފަދަ ކަންކަން ހަރުކަށި އިބާރާތުން ކުއްވެރި ކުރާކަމަށް އުމަރު ވިދާޅުވިއެވެ.
އިންޑިޔާ ސިފައިން ރާއްޖެއިން ބޭލުމަށް އެންމެ ބޮޑަށް އަޑު އުފުލަމުންދާ އެއް ފަރާތަކީ އުމަރު ނަސީރެވެ. އުމަރު މީގެކުރިންވަނީ، މި ފަސްގަނޑުގައި ކިތަންމެ ބައިވަރު އިންޑިޔާގެ ވަސީލަތްތައް ހުރިކަމުގައި ވީނަމަވެސް އެތަކެއްޗާއިއެކީ އިންޑިޔާގެ ސިފައިން މިގައުމުން ބާލާނެކަމަށް ވިދާޅުވެފައެވެ.
ރާއްޖެ ޓީވީން އަންނަ ރޯދަމަހު ގެނެސްދިނުމަށް ތައްޔާރުކުރާ ޕްރޮގްރާމެއްގެ ޝޫޓިންގައި އިންޑިއާއިން ދިވެހި ސިފައިންނަށް ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރ ބޭނުންކުރުމުން ގިނަބައެއްގެ ފާޑުކިއުން ވަނީ އަމާޒުވެފައެވެ. ހެލިކޮޕްޓަރގެ އިތުރުން އެމްއެންޑީއެފްގެ އިތުރު އެހެން އުޅަނދުތައްވެސް މި ޕްރޮގްރާމްގެ ޝޫތިންގގައި ބޭނުން ކޮށްފައި ވާކަމަށް މައުލޫމާތު ލިބެއެވެ.
އިންޑިއާއިން ރާއްޖޭގެ ދިފާއީ ބާރަށް ހަދިޔާކޮށްފައި ވާ 2 ހެލިކޮޕްޓަރަކީ ރާއްޖޭގައި އިންޑިއާ ސިފައިން ބައިތިއްބައިގެން އޮޕަރޭޓްކުރާ 2 ހެލިކޮޕްޓަރެވެ. އަދި މިތަކެތި އާންމުކޮށް ބޭނުންކުރަނީ އެމަޖެންސީ ހާލަތްތަކުގަ އާއި ބަލިމީހުން އުފުލުމުގެ އިތުރުން ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކުގައެވެ.
ކޮމެންޓު ފޮނުވާ