ރާއްޖޭގެ ޔޫޒަބަލް ރިޒާވް 122 މިލިއަން ޑޮލަރަށް ދަށަށް

ރާއްޖޭގެ ޔޫޒަބަލް ރިޒާވް 122 މިލިއަން ޑޮލަރަށް ދަށަށް

ގުޅުންހުރި

ރާއްޖޭގައި ބޭނުން ކުރެވޭ ރިޒާވް ނުވަތަ، ޔޫޒަބަލް ރިޒާވްގައި ފައިސާ މިހާރު ހުރީ ގާތްގަނޑަކަށް މަހެއްހާ ދުވަހުގެ އިމްޕޯޓަށް ވާވަރަށް ކަމަށް މަރުކަޒީ ބޭންކުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މަރުކަޒީ ބޭންކް (އެމްއެމްއޭ)ގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން ޔޫޒަބަލް ރިޒާވް ދަށަށް ގޮސް، މިހާރު ހުރީ 122.28 މިލިއަން ޑޮލަރެވެ. މި ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އޮގަސްޓް މަހުގެ 20 ވަނަ ދުވަހާ ހަމައަށް އެމްއެމްއޢގައި ބޭނުން ކުރެވޭ ގޮތަށް ހުރި ރިޒާވްގެ ޖުމްލަ އަދަދަކީ 122.28 މިލިއަން ޑޮލަރެވެ. މިއީ ޖުލައި މަހުގެ 20 ވަނަ ދުވަހާ ހަމަށް ހުރި 155.64 މިލިއަން ޑޮލަރާ އަޅާ ބަލާއިރު ގާތްގަނޑަކަށް %21ގެ ދަށްވުމެކެވެ.

ކޮވިޑް-19ގެ ޙާލަތާއި ގުޅިގެން ފަތުރުވެރިކަމަށް އައި ލޮޅުމާއެކު ރާއްޖެއަށް ބޭރު ފައިސާ ލިބުން މަދުވެފައިވާއިރު، ޔޫޒަބަލް ރިޒާވް މިހާރު ފެންނަ ވަރަށް ދަށްވުމަކީ ވޭތުވެދިޔަ 5 އަހަރުގެ ތެރޭގައި އައިސްފައިވާ އެންމެ ބޮޑު ދަށްވުމެވެ. މިދިޔަ 5 އަހަރު ތެރޭގައި ޔޫޒަބަލް ރިޒާވް އެންމެ ބޮޑަށް ދަށްވެފައި ވަނީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ. އެ ފަހަރު ރާއްޖޭގެ ޔޫޒަބަލް ރިޒާވް %45ގެ ދަށްވުމަކާއެކު 110.57 މިލިއަން ޑޮލަރަށް ވެއްޓުނެވެ.

ރާއްޖޭގެ ރިޒާވް ހާއްސަ ކޮށްފައި އޮންނަނީ ރާއްޖެއަށް ބޭނުންވާ މުދާ އެތެރެ ކުރުމަށް ބޭނުންވާނެ ޑޮލަރު ފޯރު ކޮށްދިނުމަށެވެ. މިހާރު މި ރިޒާވްގައި ހުރި އަދަދަށް ބަލާއިރު މިއީ މަހެއްހާ ދުވަހުގެ އިމްޕޯޓަށް ވާވަރެވެ. ރާއްޖޭގެ ރިޒާވްގައި އާއްމު ގޮތެއްގައި ދެ މަހުގެ އިމްޕޯޓަށްވާ ފައިސާ ރައްކާ ކޮށްފައި ހުރެ އެވެ. މިހާރު ޔޫޒަބަލް ރިޒާވް ދަށްވެފައިވާ އެއް ސަބަބަކީ ރިސޯޓުތަކުގެ އޮޕަރޭޝަންތަކާއި ލޯކަލް ކޮންސަމްޝަން ދަށްވުމެވެ.

ޔޫޒަބަލް ރިޒާވް ދަށަށް ގޮސްފައިވާއިރު، މިދިޔަ މަހުގެ 20 ވަނަ ދުވަހާއި ހަމައަށް ޖުމްލަ ރިޒާވްގައި ހުރީ 569.65 މިލިއަން ޑޮލަރެވެ. މިއީ ޖުލައި މަހުގެ 20 ގެ ނިޔަލަށް ޖުމްލަ ރިޒާވްގައި ހުރި 649.41 މިލިއަން ޑޮލަރާ އަޅާ ބަލާއިރު %12ގެ ދަށްވުމެކެވެ.

މަރުކަޒީ ބޭންކުން ދަނީ ރާއްޖޭގެ ރިޒާވް މެނޭޖު ކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއްވެސް އަޅަމުންނެވެ. އެގޮތުން ބޭންކް ތަކަށް ޑޮލަރު ވިއްކުމުގައި ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ޑޮލަރު ފޯރުކޮށްދޭން ނިންމާފައިވައިރު ސެޕްޓެމްބަރު މަހުން ފެށިގެން އިތުރު ތިން މަސް ދުވަހަށް "ފޮރިން އެކްސްޗޭންޖް އިންޓަވެންޝަން" ވެސް ވަނީ އިތުރު ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *