ކޯވިޑް-19 ގެ ސަބަބުން އާމްދަނީއަށް އަސަރުކުރި ފަރާތްތަކަށް އެހީވުމަށް ވޯލްޑް ބޭންކުން އިތުރު 21.6 މިލިއަން ޑޮލަރު ދޭން ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފި އެވެ.
މި ފައިސާ ހޭދަކުރާނީ "ކޯވިޑް-19 އިމަޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް" ފުޅާކުރުމަށް ކަމަށް ވާލްޑް ބޭންކުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވެ އެވެ. މިއީ ކޯވިޑްގެ ސަބަބުން ވަޒީފާ ގެއްލިފައިވާ ނުވަތަ އާމްދަނީ އަށް އަސަރުކޮށްފައިވާ މީހުންނަށް މަހަކު 5،000 ރުފިޔާގެ މަގުން ވަގުތީ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ދޭ އެހީ އެކެވެ.
"އިތުރު ފައިސާއާއެކު ކޯވިޑް-19 އިމަޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް ފުޅާކުރުމުގެ ސަބަބުން، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ފަރާތްތަކުގެ އަސާސީ ޚަރަދުތައް ފޫބެއްދުމަށް ބޭނުންވާ ވަރުގެ އާމްދަނީއެއް ލިބުމަށް އެހީއަކަށްވެގެންދާނެ."
– ވޯލްޑް ބޭންކްގެ ނޫސްބަޔާން
ވޯލްޑް ބޭންކުން އިތުރަށް ދިނުމަށް ފާސްކުރި ފައިސާއާ އެކު ކޯވިޑް-19 އިމަޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓަށް ޖުމްލަ 34.4 މިލިއަން ޑޮލަރު ހަމަޖެހުނީއެވެ. އޭގެ ތެރޭގައި، އައިޑީއޭ އިން ދީފައިވާ 6.4 މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި 6.4 މިލިއަން ޑޮލަރުގެ ލޯނު އެހީ ވެސް ހިމެނެ އެވެ.
ވޯލްޑް ބޭންކުން ރާއްޖެ އާއި ސްރީ ލަންކާ އަދި ނޭޕާލަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު ޒާވޮސް ވިދާޅުވީ ކޯވިޑްގެ ހާލަތަށް ބަލާއިރު ފަތުރުވެރިކަމުގެ ދާއިރާގެ ގިނަ ބައެއްގެ ވަޒީފާ ގެއްލިފައިވާ ކަމަށާއި މިކަންކަމުގެ ސަބަބުން އާންމުންގެ ދިރިއުޅުމަށް ވަރަށް ބޮޑު ނޭދެވޭ އަސަރެއް ކުރަމުން އަންނަ ކަމަށެވެ. އަދި މިކަން ހަމަޔަކަށް އެޅެން އަދި ދުވަސް ނަގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ދުނިޔޭގެ އެކި ކަންކޮޅުތަކާއި ދިވެހިރާއްޖޭގައި ވެސް ވައިރަސް ފެތުރިފައިވާ މިންވަރުގެ ސަބަބުން، ފިނިމޫސުމުގެ ފަތުރުވެރިކަމުގެ ހައި ސީޒަންގައި ވެސް ފަތުރުވެރިން ޒިޔާރަތްކުރާ އަދަދު މަދުވާނެ ކަމަށް ހޮޓާތަކާއި ރިސޯޓްތަކުން އަންދާޒާކުރޭ. ބައެއް ތަންތަން ބަންދުކޮށްފައިވާއިރު، ގިނަ އަދަދެއްގެ މަސައްކަތްތެރިން ތިބީ މުސާރަ ނުލިބޭ ގޮތަށް ނުވަތަ ކުޑަ މުސާރައަކާ އެކު ޗުއްޓީގައި އަދި ބައެއް ފަރާތްތަކުގެ ވަޒީފާ ވަނީ ގެއްލިފައި،"
– އޭނާ ވިދާޅުވި އެވެ.
ކޯވިޑް-19ގެ ސަބަބުން އާމްދަނީއަށް އަސަރުކޮށްފައިވާ 17،535 ފަރާތަކަށް މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް 252.5 މިލިއަން ރުފިޔާ އިންކަމް ސަޕޯޓް އެލަވެންސްގެ ގޮތުގައި ސަރުކާރުން ވަނީ ދީފަ އެވެ.
ކޮމެންޓު ފޮނުވާ