ކުރީގެ އުއްތަމަ ފަނޑިޔާރު ޝައިޚް މުޙައްމަދު ރަޝީދު އިބްރާހިމް ޕީއެޗްޑީ ތީސިސް ނިންމަވައިފި އެވެ.
އުމުރުފުޅުން 78 އަހަރުގެ ޝައިޚް ރަޝީދު ތީސިސް ހެއްދެވީ ފިގްހު އަދި އުސޫލުލް ފިގުހު ދާއިރާ އިން "ރާއްޖޭގައި އާއިލީ މައްސަލަތަކާއި އޭގެ ހައްލު، އިސްލާމީ ޝަރީއަތުގެ އަލީގައި" މައުޟޫއަށެވެ.
މިސްރާއި ސައުދީ އަރަބިއްޔާއިން މަތީ ތައުލީމު ހާސިލުކުރައްވައިގެން ރާއްޖޭގެ ބޮޑެތި އިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މުހައްމަދު ރަޝީދު އިބްރާހިމް، ޕީއެޗްޑީ ހާސިލުކުރެއްވުމުގެ އެންމެ ފަހު މަރުހަލާގައި އަނގަ ބަހުން ގެންދާ އިމްތިހާނުން އިއްޔެ ނިންމަވާ އެ އިމްތިހާނުން ވަނީ ފާސްވެވަޑައިގެންފަ އެވެ.
މިއާއެކު ޝައިޚް ރަޝީދު ވެގެންދާނީ އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް، އައިޔޫއެމުން ޕީއެޗްޑީ ނިންމެވި ފުރަތަމަ ބޭފުޅާއަށެވެ. އެ ޔުނިވާސިޓީގައި، ޖުމްލަ ތިން ބެޗެއްގައި 28 މީހަކު މި ވަގުތު އަންނަނީ ޕީއެޗްޑީ އަށް ކިޔަވަމުންނެވެ.
އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ރައީސް ފަޟީލަތުއްޝައިޚު މުޙައްމަދު ރަޝިދު އިބްރާހީމް ޕީއެޗްޑީ ތީސީސް މުނާޤަޝާ ކާމިޔާބުކަމާއެކު ފުރިހަމަކުރައްވާފައިވާތީ، މި މިނިސްޓްރީގެ ފަރާތުން އެމަނިކުފާނަށް ތަހުނިޔާ އަރިސްކުރަމެވެ.#MVIaffairs pic.twitter.com/vSDplDzztA
— Ministry of Islamic Affairs (@MVIaffairs) January 25, 2021
ޝެއިހު ރަޝީދަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި، ދީނީ ހުރިހާ ކަމެއް ބެލެހެއްޓުން މަތިކޮށްފައި އޮތް އިސްލާމީ ކަންތައްތަކާބެހޭ އެންމެ މަތީ މަޖިލީހުގެ ރައީސްގެ މަގާމުގައި ވެސް ދިގުމުއްދަތެއްގައި ހުންނެވި ބޭފުޅެކެވެ. މީގެ އިތުރުން މިހާރު އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ރައީސް ކަމުގެ މަގާމުގައި ހުންނެވީވެސް ޝައިޚް މުޙައްމަދު ރަޝީދެވެ.
ޝެއިހު ރަޝީދު އަދާކުރެއްވި ވަޒީފާތަކުގެ ތެރޭގައި ސްޕެޝަލް އަންޑަސެކްރެޓަރީ، ޑެޕިއުޓީ ޖަސްޓިސް މިނިސްޓަރުކަން އަދި ޖަސްޓިސް މިނިސްޓަރުގެ މަގާމު ވެސް ހިމެނެ އެވެ. ރާއްޖޭގެ އެންމެ މަތީ ކޯޓަކީ ހައި ކޯޓު ކަމަށް އޮތް އިރު އުއްތަމަ ފަނޑިޔާރުގެ މަގާމަށް ވަޑައިގަތުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ވެސް ކުރެއްވި އެވެ.
ކޮމެންޓު ފޮނުވާ