އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ހިންގުމާ ހަވާލުވެހުންނެވި ޕީއެންސްސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފިއެވެ.
އަބްދުއްރަހީމް ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައި މި ވަނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިއަދު ފެށި ސީދާހަރަކާތުގެ ތެެރެއިންނެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިއަދު ބޭއްވި ސީދާ ހަރަކާތަކީ ލޯކަލް ކައުންސިލް އިންތިޚާބު އަވަސްކުރުމަށާއި ރައީސް އަބްދުﷲ ޔާމިން މިނިވަން ކުރުމަށް ގޮވާލައި އަޑު އުފުލުމަށް ބޭއްވި ހަރަކާތެކެވެ. ޕީޕީއެމް އޮފީސް ކުރިމަތިން ސީދާ ހަރަކާތުގެ ބައިވެރިން މިސްރާބުޖަހާފައި ވަނީ އަމީނީމަގުން އިލެކްޝަންސް ކޮމިޝަން ހުންނަ ސަހަރައްދަށް ދިއުމަށެވެ. ނަމަވެސް ފުލުހުން ސީދާ ހަރަކާތުގެ ބައިވެރިންނަށް ހުރަސް އަޅައި ބައެއް ބައިވެރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވެއެވެ.
ފުލުހުން ހުރަސް އެޅުމުގެ ސަބަބުން ސީދާ ހަރަކާތުގެ ބައިވެރިންނަށް އިންތިޚާބާބެހޭ މަރުކަޒު ކުރިމައްޗަށް އެއްވެ، މަޖީދީމަގަށް އެއްވުމަށް ވަނީ މަސައްކަތްކޮށްފައެވެ. މަޖީދީމަގަށް އެއްވުމަށް ސީދާ ހަރަކާތުގެ ބައިވެރިން ކުރި މަސައްކަތް ހުއްޓުވުމަށް އޭގެތެރެއިން ބައެއް ބައިވެރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ތަރުޖަމާން ވިދާޅުވީ މިއަދުގެ ހަރަކާތުގެ ތެރެއިން 24 މީހަކު ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައި ވާކަމަށެވެ. އޭގެ ތެރޭގައި އަބްދުއްރަހީމްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ކާނަލް ނަޝީދާއި، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު އާއި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ކައުންސިލް މެމްބަރުންވެސް ހިމެނޭކަމަށް ޕީޕީއެމުން ބުނެއެވެ.
ކޮމެންޓު ފޮނުވާ