އިދިކޮޅު ޕީޕީއެމާއި ޕީއެންސީ ކޯލިޝަނުން ސީދާ ހަރަކާތަށް މަގުމައްޗަށް ނުކުމެއްޖެއެވެ.
ޕީޕީއެމް އޮފީސް ކުރިމަތިން ސީދާ ހަރަކާތުގެ ބައިވެރިން މިސްރާބުޖަހާފައި ވަނީ އަމީނީމަގުން އިލެކްޝަންސް ކޮމިޝަން ހުންނަ ސަހަރައްދަށް ދިއުމަށެވެ.

ސީދާ ހަރަކާތުގެ ބައިވެރިން ގޮވާލަމުން ގެންދަނީ ލޯކަލް ކައުންސިލް އިންތިޚާބު އަވަސްކުރުމަށާއި ރައީސް އަބްދުﷲ ޔާމިން މިނިވަން ކުރުމަށެވެ.
މި ހަރަކާތުގައި ޕީޕީއެމް ޕީއެންސީގެ އިސްވެރިންނާއި މަޖިލީސް މެންބަރުންގެ އިތުރުން ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕީއެމް އަދި ޕީއެންސީން ވާދަކުރާ ކެނޑިޑޭޓުން ބައިވެރިވަމުންދެއެވެ.
އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކޮށްފައިވާ ހުކުމަކީ ނާއިންސާފު ހުކުމެއްކަމަށާއި، އެމަނިކުފާނަށް ނުހައްގުން ދެމުންދާ އަނިޔާތަކާއި ދެކޮޅަށް އިދިކޮޅު ކޯލިޝަނުން ސީދާ ހަރަކާތަށް ނިކުމަށް ނިންމާފައި ވަނީ ހޮނިހިރު ދުވަހު އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބޭއްވި ކުއްލި ކައުންސިލް ބައްދަލުވުމުގަ އެވެ.

ނަމަވެސް މިއަދުގެ ސީދާ ހަރަކާތް މައިގަނޑުގޮތެއްގައި ކުރިއަށްދިޔައީ ލޯކަލް ކައުންސިލް އިންތިޚާބު އަވަސްކުރުމަށް ގޮވާލައި ކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މި ހަރަކާތުގެ ބައިވެރިން އިލެކްޝަންސް ކޮމިޝަން ހިމެނޭ ސަރަހައްދަށް ދާން ކުރި މަސައްކަތް ފުލުހުން ހުއްޓުވުމުން ބައިވެރިން ވަނީ އިލެކްޝަންސް ކޮމިޝަންގެ ވޯޓުލާ މަރުކަޒު ހުންނަ ބާ ޖަމާލުއްދީން ކުރިމައްޗަށް އެއްވެ، އިންތިޚާބް އަވަސްކުރުމަށް ގޮވާލާފައެވެ.
މިހަރަކާތްތައް މާލެ އާއި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު، މަގުމަތީގައާއި، ކަނޑުމަތީގައާއިވެސް ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުންގެ ކައުންސިލް ބައްދަލުވުމުން ނިންމާފައިވެއެވެ.
ކޮމެންޓު ފޮނުވާ