އިންޑިޔާގެ އެހީތެރިކަމާއިއެކު ރާއްޖެއަށް މިއަދު ގެންނަ ވެކްސިންގެ ޔަގީންކަން ރައްޔިތުންނަށް ދިނުމަށް އެންމެ ފުރަތަމަ ރައީސް ޞާލިހުއާއި، ކެނިބެޓް ވަޒީރުން ވަކްސިން ޖެއްސެވުމަށް ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު ޑރ.އަބްދުﷲ ޚަލީލު އެދިވަޑައިގެންފިއެވެ.
އިންޑިއާއިން ކޯވިޑް-19ގެ ވެކްސިން ފޮނުވާ ފުރަތަމަ ޤައުމަކީ ދިވެހިރާއްޖެކަމަށާއި، އެ ޤައުމުން ރާއްޖެއަށް ފޮނުވާ ވެކްސިން ޝިޕްމަންޓް މިއަދު ރާއްޖެ ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ. މިވެކްސިންގެ އެއްވެސް މައުލޫމާތެއް މިހާތަނަށް ކަމާއިބެހޭ އެއްވެސް ފަރާތަކުން ރަސްމީކޮށް ހާމަކޮށްފައި ނުވާއިރު، ވެކްސިނާއިމެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.
ވެކްސިނާއި ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކާއިއެކު ޑރ.އަބްދުﷲ ޚަލީލް ވިދާޅުވީ ރާއްޖެއަށް މިއަދު ގެންނަ ވެކްސިންގެ އިތުބާރާއި ޔަގީންކަން ރައްޔިތުންނަށް ދިނުމަށް އެންމެ ފުރަތަމަ މި ވެކްސިން ޖައްސަވަން ޖެހޭނީ ރައީސް ޞާލިހާއި އެމަނިކުފާނުގެ ވަޒީރުންކަމަށެވެ. ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ވެރިން ރައްޔިތުންނަށް ދެއްކެވީ މި ނަމޫނާކަމަށާއި، މިގޮތަށް ރާއްޖޭގައިވެސް އަމަލު ކުރެއްވުމަށް ޑރ.ޚަލީލް ވަނީ ގޮވާލައްވަފައެވެ.
ދިވެހި ރައްޔިތުންނަށް ޖަހަން އިންޑިޔާއިން 100،000 ޑޯޒް ވެކްސިން މިއަދު ގެންނަ ކަމަށްވޭ. ވެކްސިންގެ ރައްކާތެރިކަން ރައްޔިތުންނަށް ޔަގީންކޮށް ދިނުމަށް އެންމެ ފުރަތަމަ އެ ޖައްސަވަން ވާނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުއާއި، އެމަނިކުފާނުގެ ވަޒީރުން. އެއީ އެހެން ޤައުމުތަކުގެ ވެރިން ކަންކުރެއްވި ގޮތް.
– ޑރ.ޚަލީލް ވިދާޅުވިއެވެ.
އިންޑިޔާއިން މިއަދު ކޯވިޑްގެ ވެކްސިން ރާއްޖެއަށް ގެނައުމަށް ހަމަޖެހިފައިވާއިރު، އިންޑިޔާއިން ވެކްސިން ދިން މީހުންގެ ތެރެއިން 400 އަށްވުރެ ގިނަ މީހުންނަށް ޞިއްޚީ އެކި މައްސަލަ ދިމާވެގެން ދަނީ ފަރުވާދެމުންނެވެ. ދިވެހިރާއްޖޭގައިވެސް ކޯވިޑް-19ގެ ވެކްސިން ޖެހުމަށް ވާންޖެހޭ ތައްޔާރީތައްވަމުންދާއިރު، ވެކްސިން ޖެހުމަށް ރަޖިސްޓްރީވުމަށް ޚާއްސަ ޕޯޓަލެއް އެކުލަވާލާ، ސިއްޙީ ޚިދުމަތްތެރިންނަށާއި ސޯޝަލް ކެއަރ ވޯކަރުންނަށް އެ ޕޯޓަލުގައި ރަޖިސްޓްރީވުމުގެ ފުރުޞަތު މިމަހުގެ 18 ވަނަ ދުވަހު ވަނީ ހުޅުވާލާފައެވެ.
ރާއްޖޭގައި ބޭނުންކުރާ ކޯވިޑް-19ގެ ވެކްސިނަކީ ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ މިންގަނޑުތަކަށް ފެތޭނެ އަދި ރައްކާތެރިކަމުގެ މިންގަނޑުތައް ބަލާ ކަށަވަރުކުރެވޭނެ ވެކްސިންތަކެއްކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެފައިވެއެވެ. އަދި އެ ވެކްސިނަކީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހުއްދަދީފައިވާ ވެކްސިންތަކަކަށްވެސް ވެގެންދާނެކަމަށް އެ ސެންޓަރުން ވަނީ ހާމަކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ