ގދ. ފަރެސްމާތޮޑާ އެއަރޕޯޓް ރަންވޭގެ މަސައްކަތްކުރުމަށް ކޮންނަންޖެހޭ ސަރަހައްދު ކޮނުމުގެ މަސައްކަތް ފަށައިފިއެވެ.
މި އެއަރޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުންދާ އެމްޓީސީސީން ބުނީ އެއަރޕޯޓް ތަރައްގީކުރުމުގެ މަސައްކަތުގެ 5 އިންސައްތަ މިހާރު ނިމިފައި ވާކަމަށެވެ. އެއަރޕޯޓްގެ ރަންވޭގެ ސަބްގްރޭޑް މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކޮނުމުގެ މަސައްކަތް މިދިޔަ ހޮނިހިރު ދުވަހު ފަށާފައިވާކަމަށް އެމްޓީސީސީން ބުނެއެވެ.
ގދ. ފަރެސްމާތޮޑާ އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 5 ޕަސެންޓް ވަނީ ނިމިފައި. އަދި ރަންވޭގެ ސަބްގްރޭޑް މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކޮނުމުގެ މަސައްކަތް 16 ޖެނުއަރީ 2021 ވަނަ ދުވަހު ވަނީ ފަށާފައި. pic.twitter.com/4eYYICKXXr
— MTCC Plc (@MTCCPlc) January 19, 2021
ފަރެސްމާތޮޑާގައި ތަރައްޤީކުރާ އެއަރޕޯޓަކީ ރާއްޖޭގެ އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށްގެން ތަރައްޤީކުރާ އެއަރޕޯޓެކެވެ. މި އެއަރޕޯޓް ހެދުމުގެ މަސައްކަތުގެ ތެރޭގައި އެރަށުގައި 1200 މީޓަރުގެ ރަންވޭއެއް ހެދުމާއި، ޓަރމިނަލް ބިލްޑިންގ ހެދުމާއި، އެއަރޕޯޓަށް ބޭނުންވާ އިތުރު ވަސީލަތްތައް ޤާއިމުކުރުމަށް އެމްޓީސީސީއާވަނީ ހަވާލުކޮށްފައެވެ. މި މަސައްކަތް އެމްޓީސީ އާއި ހަވާލުކޮށްފައިވަނީ 1 އަހަރާއި 8 މަސް ދުވަހުގެ ތެރޭގައި ނިންމުމަށެވެ. މިއީ 144.88 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
ފަރެސްމާތޮޑާގައި އެއަރޕޯޓެއް ތަރައްޤީކުރުމަށް އެރަށުން 19 ހެކްޓަރުގެ ބިންވަނީ ހިއްކާފައެވެ. 2018ވަނަ އަހަރު ފެށި ބިން ހިއްކުމުގެ މަސައްކަތް ނިމިފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓުމަހުއެވެ. ގދ.ފަރެސްމާތޮޑާއަކީ އާބާދީގައި 1800އަށްވުރެ ގިނަ މީހުން ދިރިއުޅެމުން އަންނަ ރަށެކެވެ.
ރާއްޖޭގެ ކޮންމެ ތަނަކުން 30 މިނެޓުން އެއަރޕޯޓަށް ދެވޭ ހިސާބުގައި އެއަރޕޯޓް ތަރައްޤީކުރުމަކީ ސަރުކާރުގެ ވަޢުދެކެވެ. ގދ.ފަރެސްމާތޮޑާ އެއަރޕޯޓްގެ މަސައްކަތް މި އަހަރުގެ ފަހުކޮޅު ނިންމާލެވާނެ ކަމަށް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރަރ ސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ