މޯލްޑިވްސް ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ،އެމްޑަބްލިއުއެސްސީގެ ޚިދުމަތްތައް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށްޓަކައި ޚާއްޞަކޮށްގެން ހުޅުވި ޝޯރޫމަށް 10 އަހަރު ފުރިއްޖެއެވެ.
ވޭތުވެދިޔަ ދިހަ އަހަރު ދުވަހުގެ ތެރޭގައި މި ޝޯރޫމް ވެގެން ގޮސްފައިވަނީ އާންމު ރައްޔިތުންނަށް ފެނާއި ނަރުދަމާއާ ގުޅުންހުރި އެތައް ޚިދުމަތްތަކެއް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދޭ މުހިންމު މަރުކަޒަކަށެވެ.
އެމްޑަބްލިއުއެސްސީގެ ޝޯރޫމަކީ ފެނާއި ނަރުދަމާގެ ނިޒާމަށް ބޭނުންވާ ފެންވަރު ރަނގަޅު ތަކެތި ހެޔޮ އަގުގައި އާންމުންނަށް ލިބެން ހުންނަ ތަނެކެވެ. މީގެ އިތުރުން ކުންފުނީގެ އެކި ޚިދުމަތްތަކަށް އެދި ހުށަހެޅުމާއި، ބިލްތަކަށް ފައިސާ ދެއްކުމުގެ އިތުރުން، ކަސްޓަމަރުންނަށް ބޭނުންވާ މައުލޫމާތު ދިނުމުގެ އިންތިޒާމުތައް ވެސް މި ޝޯރޫމް މެދުވެރިކޮށް ދަނީ ފޯރުކޮށްދެމުންނެވެ.
މި ޝޯރޫމްގެ ސަބަބުން ކަސްޓަމަރުންނަށް ގިނަ ވަގުތުތަކެއް ހޭދަނުކޮށް، އެއްތަނަކުން އެންމެހައި ޚިދުމަތްތައް ލިބިގަތުމުގެ މަގު ވަނީ ތަނަވަސްވެފައެވެ. ވަކިން ޚާއްޞަކޮށް ގެދޮރު އިމާރާތްކުރުމަށާއި މަރާމާތު ކުރުމަށް ބޭނުންވާ ފެނުގެ ފިޓިންގްސް އަދި އެހެނިހެން ސާމާނު އެއްތަނަކުން އިތުބާރާއެކު ގަންނަން ލިބުމަކީ ރައްޔިތުންނަށް ލިބިގެންދިޔަ ބޮޑު ފަސޭހައެކެވެ.
ކުންފުނީގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައިވެސް ޝޯރޫމް މެދުވެރިކޮށް ޒަމާނީ ވަސީލަތްތަކާއެކު ކަސްޓަމަރުންނަށް ދޭ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށް އެކުންފުނިން ހާމަކުރެއެވެ.
ޝޯރޫމަށް 10 އަހަރުފުރުން ފާހަގަކުރުމަށް މިއަދު ވަނީ ހާއްސަ ހަފުލާއެއް ބާއްވާފައެވެ. މި ހަފުލާގައި އަހަރީ ކޭކު ފެޅުން އޮތްއިރު، މި ހަރަކާތުގައި އެ ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ކޮމެންޓު ފޮނުވާ