ގދ.ތިނަދޫގައި ހޯމް ކަރަންޓީންގައި ހުރި ބިދޭސީ ޓީޗަރަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.
މިކަމާގުޅޭގޮތުން ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ، އެޗްއީއޯސީން ބުނީ ގައުމުން އެނބުރި ރާއްޖެއަށް އައިސް ހޯމްކަރަންޓީނުގައި ހުރި ބިދޭސީ ޓީޗަރަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި އޭނާ ޕޮޒިޓިވްކަން އެނގުނީ ކަރަންޓީން މުއްދަތު ހަމަވުމާއެކު ކަރަންޓީނުން ވީއްލުމަށް ނެގި ސާމްޕަލުންކަމަށް އެޗްއީއޯސީން ބުނެއެވެ.
ތިނަދޫން މި ކޭސް ފެނުމާއެކު އެރަށުގައި ހުންނަ، ޑރ.ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުން ވަނީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަރަންޓީނު އުސޫލުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އިލްތިމާސްކޮށް އެކަމުގެ މުހިންމުކަން ހާމަކޮށްފައެވެ.