ދެއްވަދޫ ކްލަސްޓަރ: މިހާތަނަށް 69 މީހަކު ޕޮޒިޓިވްވެއްޖެ

ދެއްވަދޫ ކްލަސްޓަރ: މިހާތަނަށް 69 މީހަކު ޕޮޒިޓިވްވެއްޖެ

Author
މުޙައްމަދު ޖިމީ
17 ޖެނުއަރީ 2021 11:06
0

ކޯވިޑް-19އަށް ބަޔަކު ޕޮޒިޓުވްވެ އުފެދިފައިވާ ދެއްވަދޫ ކްލަސްޓައިން މިހާތަނަށް 69 މީހަކު ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ޕްރެސްކޮންފަރެންސްގައި އެސެންޓަރުގެ ތަރުޖަމާން ޑރ.ފާޠިމަތު ނަޒްލާ ރަފީޤް ވިދާޅުވީ، ދެއްވަދޫ ކްލަސްޓައިން ޕޮޒިޓިވްވި 69 މީހުންގެ ތެރޭގައި ހިމެނެނީ ދެއްވަދުއިން ޕޮޒިޓިވްވި 55 މީހަކާއި، އެއަތޮޅު ވިލިނގިލިން ޕޮޒިޓިވްވި 2 މީހަކާއި، އެއަތޮޅު ދާންދޫއިން ޕޮޒިޓިވްވި 6 މީހެއްގެ އިތުރުން ލ.ފޮނަދުއިން ޕޮޒިޓިވްވި 4 މީހަކާއި، ހުޅުމާލެއިން ޕޮޒިޓިވްވި 2 މީހެކެވެ.

މިކްލަސްޓައާއި ގުޅިގެން މިވަގުތު މޮނިޓަރިންގެ ޙާލަތުގައި އޮތީ ދެއްވަދޫގެ އިތުރުން، ދާންދޫއާއި ވިލިނގިއްޔެވެ.

ދެއްވަދޫއިން މިހާތަނަށް 55 މީހުން ޕޮޒިޓިވްވެފައިވާއިރު، އޭގެތެރޭގައި ކުޑަކުދިންނާއި، ޒުވާނުންނާއި ޢުމުރުން ދުވަސްވީ މީހުން ހިމެނޭއިރު އެންމެ ގިނައީ ޢުމުރުން ދުވަސްވީ މީހުންކަމަށް ދެއްވަދޫ ކައުންސިލުން ބުނެއެވެ. ޢުމުރުން ދުވަސްވީ މީހުންނަކީ ބަލީގެ ރިސްކު އެންމެ ބޮޑު ޢުމުރުފާއެވެ. ދެއްވަދޫ ކައުންސިލުން ބުނީ މިހާތަނަށް އެރަށުން ގިނަ ޢަދަދެއްގެ ސާމްޕަލް ނަގާފައިވާކަމަށާއި، ނަތީޖާ ނުލިބިވެސް ގިނަ ސާމްޕަލްތަކެއް އެބަހުރިކަމަށެވެ.

ގއ.ދެއްވަދޫގައި ކޯވިޑް19 ފެތުރެމުންދަނީ ބަލި އެންމެ ފުރަތަމަ ފެނުނު މީހާގެ ކިބައިން ނޫކަމަށާއި، ބަލި ފެތުރެން ދިމާވި ސަބަބު ދެނެގަތުމުގެ މަސައްކަތް ކުރަމުންދާކަމަށް ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ބުނެފައެވެ. އެޗްއީއޯސީން ބުނެފައިވަނީ ބަލި ފެތުރިފައިވަނީ ދުވަސްކޮޅެއް ވަންދެން ރަށުގެ ތެރޭގައި ބަލި އުޅުމަށްފަހުގައިކަމަށް މިހާތަނަށް ބެލި ބެލުމުން އެގިފައިވާކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.