ޖާނުން ފިދާވެގެން ޓެރަރިސްޓް ހަމަލާއެއް ދޭންއުޅުނުކަމަށް ބުނެ ދައުވާއުފުލި ދެމީހުންގެ މައްޗަށް ޓެރަރިޒަމްގެ ދަޢުވާ ސާބިތުނުވާކަމަށް ކްރިމިނަކް ކޯޓުން ޙުކުމްކޮށްފިއެވެ.
2017 ވަނަ އަހަރުގެ ތެރޭގައި ޖާނުން ފިދާވެގެން ހަމަލާދޭން އުޅުނުކަމަށް ބުނެ ޓެރަރިޒަމްގެ ދަޢުވާ އުފުލާފައިވަނީ ރ. މަޑުއްވަރީ ވިލުދޮޅި، އިސްހާގު އަލީ އާއި ޏ.ފުވައްމުލަކު އަލުވިމާގޭ، ހުސައިން އަފީފުގެ މައްޗަށެވެ. އޭގެ ތެރެއިން އިސްހާގުގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ދައުވާ އުފުލާފައިވާއިރު، އަފީފުގެ މައްޗަށް އުފުލާފައިވަނީ ޖާނުންފިދާވެގެން ހަމަލާއެއް ދޭން އުޅުނު ކަމަށް ބުނެ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދަޢުވާއެވެ. އަފީފަކީ ކުރިން އެމްއެންޑީއެފުގައި މަސައްކަތްކުރި މީހެކެވެ.
އެދެމީހުންގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައިވާއިރު، މިމައްސަލާގައި ހިމެނޭ އަފީފްގެ މައްޗަށް ކުރި ޙުކުމްގައިވަނީ ޖާނުން ފިދާވެގެން ހަމަލާދޭން އުޅުނު ކަމަށް ތުހުމަތުކުރެވޭއިރު، އެފަދަ އަމަލެއް ތަންފީޒު ކުރަންފެށިކަން ނުވަތަ ފުރިހަމަކޮށްފައި ވަނީ ކުށުގެ އުންސުރުތަކުގެ ތެރެއިން ކޮން އުންސުރެއް ކަން ދައުލަތަށް ބުނެދެވިފައިނުވާކަމަށެވެ. އަދި އެޙުކުމުގައި އެމައްސަލައިގެ ހެކިތަކުން އެނގެނީ އޭނާއާ ދީނީ ހަރުކަށި ފިކުރުގެ މީހުންނާ ގުޅުން އޮތް ކަމަށް ފުލުހުންނަށް ފާހަގަވުމާއި އިސްހާގާއި އަފީފާ ދެމެދު ފައިސާގެ މުއާމަލާތްތަކެއް ކޮށްފައިވުމުގެ އިތުރުން އިސްލާމިކް ސްޓޭޓް (އައިއެސް) އާއި ގުޅުން ހުރި ވީޑިއޯ އާއި ފޮޓޯ އޭނާގެ ފޯނުން ފެނުންކަން ފުލުހުންނަށް ފާހަގަކުރެވިފައިވުން އެކަންނެވެ.
މީގެ އިތުރުން ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ އުންސުރުތަކުގެ ގޮތުގައި ޓެރަރިޒަމްގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން އޭނާ ކުރިކަމުގެ ހެއްކެއް ނެތްކަމަށްވެސް ޙުކުމުގައި ބަޔާންކޮށްފައިވެއެވެ. ޖާނުން ފިދާވެގެން ޓެރަރިސްޓް ހަމަލާއެއް ދޭންއުޅުނުކަމަށް ބުނެ ތެރަރިޒަމްގެ ދަޢުވާ އުފުލާ، އެދެމީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށްފަހު ދޫކޮށްލާފައިވަނިކޮށް ހައިކޯޓުން އެގޮތަށް ނެރުނު ޢަމަުރުގެ ދަށުން އެދެމީހުން ބަންދުކޮށްފައިވަނީ2019 ވަނަ އަހަރުއެވެ.
ޓެރަރިޒަމްގެ ތުހުމަތުގައި އެ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް ފަހު އެ މީހުން ބަންދުން ދޫކޮށްލާފައި ވަނިކޮށް 2019 ވަނަ އަހަރު ހައި ކޯޓުން ނެރުނު އަމުރެއްގެ ދަށުން މިއަދާ ހަމައަށް އެ ދެ މީހުން ތިބީ ބަންދުގަ އެވެ.
ކޮމެންޓު ފޮނުވާ