ކޯވިޑް ވެކްސިން ޕްރޮގްރާމް އިންޑިއާގައި ފެށުމުން ރައީސް މަރުޙަބާ ވިދާޅުވެއްޖެ

ކޯވިޑް ވެކްސިން ޕްރޮގްރާމް އިންޑިއާގައި ފެށުމުން ރައީސް މަރުޙަބާ ވިދާޅުވެއްޖެ

Author
މުޙައްމަދު ޖިމީ
17 ޖެނުއަރީ 2021 02:28
0

ދުނިޔޭގައި ހިންގޭ އެންމެ ބޮޑު އެއް ވެކްސިނޭޝަން ޕްރޮގްރާމް އިންޑިއާގައި ފެށުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް މަރުޙަބާ ވިދާޅުވެއްޖެއެވެ.

އިންޑިއާއިން ކޯވިޑް ވެކްސިން ޕްރޮގްރާމް ފެށުމާއި ގުޅިގެން އިންޑިއާގެ ބޮޑުވަޒީރަށް މަރުޙަބާ ވިދާޅުވެ ރައީސް ޞާލިޙް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އިންޑިއާއިން ފެށި ވެކްސިން ޕްރޮގްރާމަކީ ކާމިޔާބު ޕްރޮގްރާމަކަށް ވާނެކަމަށް އުއްމީދުކުރައްވާކަމަށާއި، ވެކްސިނާއެކު ކޯވިޑްގެ ޙާލަތު ރަނގަޅުވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށެވެ.

އިންޑިއާގައި ދަނީ ދެ ވެކްސިނެއް އެޤައުމުގެ ރައްޔިތުންނަށް ދެމުންނެވެ. އެއެއް ވެކްސިނަކީ އޮކްސްފޯޑާއި އެސްޓްރާޒެނެކާގެ ކޮވިޑް ވެކްސިނެވެ. އެސްޓްރާޒެނެކާއާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން މިވެކްސިން އިންޑިއާގެ އަމިއްލަ ވެކްސިން ކުންފުންޏަކުންދަނީ އެގައުމުގައި އުފައްދަމުންނެވެ. ދެވަނަ ވެކްސިނަކީ އިންޑިއާގެ ބާރަތު ބައޯޓެކްގެ ކޯވެކްސިނެވެ. އެވެކްސިން މީހުންނަށް ދޭން އިންޑިއާގެ ކަމާއިބެހޭ އިދާރާއިން ހުއްދަދީފައި ވީނަމަވެސް ވެކްސިންގެ ތިންވަނަ މަރްހަލާގެ އަޖުމަބެލުންތަކެއް އަދި ނުނިމެއެވެ. އެހެންނަމަވެސް އިންޑިއާގެ ހެލްތު މިނިސްޓަރ ވިދާޅުވީ ކޮވިޑުން ރައްކާތެރިކޮށްދެވޭވަރަށް ބާރަތު ވެކްސިނުން ދިފާއީ ނިޒާމު ވަރުގަދަކޮށްދޭކަމަށާއި ސީރިއަސް ސައިޑްއިފެކްޓެއް ކުރިމަތިނުވާނަކަށެވެ.

ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީ އޮންނަ އިންޑިޔާގެ 1.3 ބިލިއަން މީހުންނަށް ވެކްސިން ދިނުމުގެ މަޝްރޫޢު ފަށާފައިވަނީ އިއްޔެއެވެ. ފުރަތަމަ ވެކްސިން ދޭން ނިންމާފައިވާ މީހުންގެ ތެރޭގައި ބަލިޖެހުމުގެ ފުރުސަތު ބޮޑު 300 މިލިއަން މީހުން ހިމެނެއެވެ. މި އެންމެނަކީވެސް ކުރިޔަށް އޮތް ހަމަހާއި އަށްމަހުގެ ތެރޭގައި ބަލިޖެހުމުގެ ފުރުސަތު އޮތް މީހުންކަމަށްވެއެވެ.

އިންޑިއާގައި ވެކްސިން ޕްރޮގްރާމް ފަށާފައިވާއިރު، ކޯވިޑް-19ގެ ވެކްސިން ރާއްޖެއަށް ފޯރުކޮށްދޭނެކަމަށް އެޤައުމުން ވަނީ ބުނެފައެވެ.

ކޯވިޑް ވެކްސިން ރާއްޖެއަށް ގެނައުމަށްޓަކައި، ސިންގަޕޫރުގެ ކުންފުންޏެއް ކަމުގައިވާ އެސްޓްރާޒެނެކާ ސިންގަޕޯރ ޕީ.ޓީ.އީ. އެލް.ޓީ.ޑީ.އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވާކަމަށް ފިނޭންސް މިނިސްޓްރީން ވަނީ މިދިޔަ މަހުގެ31 ވަނަ ދުވަހު ބުނެފައެވެ.

ކޯވިޑް-19 ގެ ވެކްސިން ހޯދުމަށް ދިވެހި ސަރުކާރުން ސޮއިކުރަންޖެހޭ އެއްބަސްވުމުގައި ސޮއިކޮށް އެ އެއްބަސްވުން ތަންފީޛުކުރުމަށްޓަކައި މިނިސްޓަރ އޮފް ފިނޭންސުން ނެރެފައިވާ ޤަރާރުގައި ބުނެފައިވަނީ ޤަރާރު ދުނިޔޭގެ އެކި ޤައުމުތަކުގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވެފައިވާ ބަލިމަޑުކަމުގެ ސަބަބުން ދިވެހިރާއްޖޭގައި ޢާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ޢިއުލާނުކޮށްފައިވީހިނދު، އަދި އެ ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި ބޭނުންވާ ވެކްސިން ހޯދުމަށްޓަކައި ދިވެހި ސަރުކާރާއި ސިންގަޕޫރުގެ ކުންފުންޏެއް ކަމުގައިވާ އެސްޓްރާޒެނެކާ ސިންގަޕޯރ ޕީ.ޓީ.އީ. އެލް.ޓީ.ޑީ.އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވާކަމުގައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.