އިންތިޚާބު ބޭއްވޭނީ ކޯޓްތަކަށް ހުށައަޅަފައިވާ މައްސަލަތައް ނިމިގެން: ޢަލީ ނިޔާޒް

އިންތިޚާބު ބޭއްވޭނީ ކޯޓްތަކަށް ހުށައަޅަފައިވާ މައްސަލަތައް ނިމިގެން: ޢަލީ ނިޔާޒް

Author
މުޙައްމަދު ޖިމީ
17 ޖެނުއަރީ 2021 01:51
0

ކައުންސިލް އިންތިޚާބު އަވަހަށް ބޭއްވޭނީ ކޯޓުތަކަށް ހުށައަޅަފައިވާ މައްސަލަތައް އަވަހަށް ނިމިިގެންކަމަށް ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު އަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލްތަކުގެ ޚާއްޞަ ޤާނޫނަށް އިޞްލާހު ހުށައެޅުމަށްފަހު މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ޢަލީ ނިޔާޒް ވިދާޅުވީ، އިންތިޚާބު ވީހާވެސް އަވަހަށް ބޭއްވުމަށް ޤާނޫނަށް އިޞްލާޙުގެ ގެނައިނަމަވެސް އިންތިޚާބު ބޭއްވޭނީ ކައުންސިލް އިންތިޚާބާއި ގުޅޭގޮތުން ކޯޓްތަކަށް ހުށައަޅާފައިވާ މައްސަލަތައް އަވަހަށް ނިމިގެންކަމަށެވެ. އިންތިޚާބު އަވަހަށް ބޭއްވުމަށް ކޯޓްތަކަށް ހުށައަލާފައިވާމައްސލަަތކުގެ ސަބަބުން ހުރަސްއެޅޭކަމަށާއި، އެހެންކަމުން ހުރިހާ މުއައްސަސާތަކުންވެސް އިންތިޚާބު އަވަހަށް ބޭއްވުމަށް އެއްބާރުލުން ދެއްވުމަށް އޭނާ އެދިވަޑައިގަތެވެ.

އިންތިޚާބާއި ގުޅޭ 3 މައްސަލައެއް ކޯޓުގައި އޮތްކަން ފާހަގަކުރައްވަމުން އަލީ ނިޔާޒް ވިދާޅުވީ، ގާނޫނުގައި ލިޔެގެން ކޯޓުގައި ހުރި މައްސަލަތައް ހައްލު ނުކުރެވޭނެކަމަށެވެ. އިންތިޚާބާއި ގުޅޭގޮތުން ކޯޓްތަކުގައި ހުރި މައްސަލަތަކުގެ ތެރޭގައި ކައުންސިލުތަކުން ވަކި އަދަަދަކަށް ގޮނޑި އަންހެނުންނަށް ޚާއްސަކުރި މައްސަލައާއި، އިންތިޚާބަށް އަލުން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމަށް އެދި ހުށަހަޅާފައިވާ މައްސަލައެއްގެ އިތުރުން ޕީޕީއެމްގެ ކެންޑިޑޭޓެއްގެ ކެންޑިޑެންސީ ބާތިލު ކުރި މައްސަލައެއްވެސް ހިމެނެއެވެ.

އެބޭފުޅުންގެ ކެނޑިޑެންސީއެއް ބާޠިލްކުރުމާއި ގުޅިގެން އެކަމުގެ ޝަކުވާ އެބައޮތް ކޯޓްގައިކުރައްވާފަ. އަޅުގަނޑު ޤަބޫލުކުރާގޮތުގައި ޕީޕީއެމްގެވެސް ހަގީގީ ނިޔަތެއް ނޭނގެ. އިއްޔެވެސް އެބައޮތް ނެރުއްވާފަ ރަށްރަށް މޮނިޓަރިންގަ ލޮކްޑައުންކޮށްގެން ގެންގުޅުއްވުމަށް. ނަމަވެސް އެބޭފުޅުން އަނެއްދުވަހު އެބަވިދާޅުވޭ އަޅުގަނޑުމެންނަށް އެރަށްތަކަށް އެރޭނެގޮތްތަކެއް ގައިޑްލައިންގައި ނެތްކަމަށް. އެއްކޮޅުން ރަށްތައް ލޮކްޑައުންކޮށް މައިތިރިކޮށް ނޭރޭނެގޮތް ހަދާފަ ތިމަންނަމެނަށް އެރަށްތަކށް ނޭރޭކަމުގެ ޝަކުވާވެސް އެބަކުރޭ.

– ހުޅުމާލެ ދާއިރާގެ މެންބަރު ޢަލީ ނިޔާޒް

ނިޔާޒް ވަނީ ޕީޕީއެމްއިންވެސް އެއްގޮތަކަށް މިމައްސަލައާމެދު ދެކުމަށް ގޮވާލައްވާފައެވެ.

މިދިޔަ އަހަރުގެ އޭޕްރީލްމަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ކުރިން ތާވަލުކުރި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު ކޯވިޑް-19އާ ގުޅިގެން ބޭއްވޭގޮތް ނުވުމުން، ކައުންސިލް އިންތިޚާބުގެ ޚާއްސަ ޤާނޫނެއް އެކުލަވާލިނަމަވެސް، އެޤާނޫނުގެ ދަށުން މިހާރު މިއޮތް ޙާލަތުގައި އިންތިޚާބު ބޭއްވުމަށް ވަނީ ދަތިތަކާ ކުރިމަތިވެފައެވެ. ސަބަބަކީ އިންތިޚާބުތަކާއި ބެހޭ ޚައްޞަ ޤާނޫނުގައި ބަޔާންކުރަނީ އިންތިޚާބު ބޭއްވޭނީ ސިއްޙީ ކުއްލި ނުރައްކަލުގެ ޙަލަތު އުވާލުމުންކަމަށެވެ. އެ ޙާލަތު އުވާލާތާ 7 ދުވަހުގެ ތެރޭގައި އިންތިޚާބު ބާއްވާ ތާރީޚް ކަނޑައަޅަންވާނެކަމަށް ބުނެފައިވެއެވެ. ނަމަވެސް ސިއްޙީ ކުއްލި ނުރައްކަލުގެ ޙަލަތުގެ ތެރޭގައި އިންތިޚާބު ބޭއްވުމަށް ހުރަސްއެޅުިފައިވާތީ އިންތިޚާބުގެ ޤާނޫނަށް ވަނީ އިޞްލާހުތަކެއް ހުށައަޅާފައެވެ.

އެހެންކަމުން ޤާނޫނަށް ގެންނަ އިޞްލާހުތަކުގެ ތެރޭގައި ޢާންމު ޞިއްޚީ ކުއްލި ނުރައްކަލުގެ ހާލަތު ދެމި އޮތް ނަމަވެސް އިންތިޚާބު ބޭއްވޭނެކަމަށް ވަނީ ބުނެފައެވެ. އެގޮތުން ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ދެމިއޮތްހާ ހިނދަކު، އިންތިޚާބު ކުރިއަށްގެންދަންވާނީ، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ ފިޔަވަޅުތަކާއި އުސޫލުތަކާއި އިރުޝާދުތަކާ އެއްވާ ގޮތުގެމަތިންކަމަށެވެ. އަދި އިންތިޚާބުގެ ކަންކަން އަލުން ފަށަންވާނީ، އެކަންކަން ފެށުމަށް ދުރާލާ ތާރީޚެއް ކަނޑައެޅުމާއެކުގައިކަމަށާއި، ފަދައިން ކަނޑައަޅާ ތާރީޚު ކަނޑައަޅަންވާނީ، އެ ތާރީޚު ކަނޑައެޅުމާއި އިންތިޚާބުގެ ކަންކަން ފެށުމާ ދެމެދު މަދުވެގެން ތިން ދުވަހުގެ ނޯޓިހެއް ލިބޭނެ ފަދައަކުންކަމަށެވެ.

މިމަސް ނިމުމުގެ ކުރިން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްސަ ޤާނޫނަށް އިސްލާހު ގެނެސް ޢަމަލުކުރަންފެށިއްޖެނަމަ އަންނަ އޭޕްރީލް މަހުގެ 3ވަނަ ދުވަހު ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވިދާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.