ދަތުރުފަތުރުގެ ޤައުމީ ވިއުގަ ޤާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ދަތުރުފަތުރުގެ ޤައުމީ ވިއުގަ ޤާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

Author
މުޙައްމަދު ޖިމީ
17 ޖެނުއަރީ 2021 12:00
0

ދަތުރުފަތުރުގެ ޤައުމީ ނިޒާމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ހައިސްޕީޑް ފެރީގެ ނިޒާމަކުން ދަތުރުފަތުރުގެ ވިއުގަ ގުޅުވާލުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ދިވެހިޜާއްޖޭގެ އަޑުގެ ސެނެކޯގައި ބޭއްވި ރަސްމިއްޔާތެއްގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެމިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤެވެ. އަދި އެމްޓީސީސީގެ ފަރާރުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ.

ހައިސްޕީޑް ފެރީގެ ނިޒާމަކުން ދަތުރުފަތުރުގެ ވިއުގަ ގުޅުވާލުމުގެ ފުރަތަމަ ފިޔަވަހީގައި ޚިދުމަތް ދިނުމަށް ނިންމާފައިވަނީ ހއ.ހދ. އަދި ށ.އަތޮޅުގައެވެ. އަދި އެސަރަހައްދުތަކުގައި 40 އާއި 50 ޢަދަދަކަށް ހައިސްޕީޑް ލޯންޗު ބޭނުންކުރުމަށް ވަނީ ނިންމާފައެވެ. ހަފްތާގެ ހުރިހާ ދުވަހަކު ހުރިހާރަށަކުން ފެރީގެ ޚިދުމަތް ބޭއްވުމަށް ނިންމާފައިވާއިރު، ހޮސްޕިޓަލްފަދަ މުހިންމު ޚިދުމަތް ފޯރުކޮށްދޭ ރަށްރަށް ދުވާލަކު ދެ ދަތުރުކުރުމަށްވެސް ސަރުކާރުން މި އެއްބަސްވުމުގެ ދަށުން ވަނީ ނިންމާފައެވެ.

އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވަރކް ތަޢާރުފުކުރުމުގެ އެއް މަޤްޞަދަކީ ރާއްޖޭގެ ބައިބައިވެފައިވާ އާބާދީތަކަށް ފަސޭހަކަމާއި، ރައްކާތެރިކަމާއެކު އެކަށީގެންވާ ހެޔޮ އަގެއްގައި ދަތުރުކުރެވޭނެ ފުރިހަމަ ފެރީގެ ނިޒާމަކުން ގުޅުވައިލުމެވެ.

ހައި ސްޕީޑް ފެރީގެ ޚިދުމަތްދިނުމުގެ މަޝްރޫޢު އެމްޓީސީސީއާއި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޕްލޭނިން މިނިސްޓަރ މުޙައްމަދު އަސްލަމާއި، ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ބައިވެރިވެވަޑައިގެންނެވިއެވެ. މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޓްރާންސްޕޯޓް މިނިސްތަރ އައިޝަތު ނަހުލާ ވިދާޅުވީ،މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ވަރަށް އިސްކަން ދެއްވާ މަޝްރޫޢުއެއްކަމަށެވެ. މި މަޝްރޫޢުއާއެކު، ފެންވަރު ރަނގަޅު ދަތުރުފަތުރުގެ ނިޒާމަކުން މުޅި ރާއްޖެ ގުޅާލުމަށް ސަރުކާރުންވި ވަޢުދު ފުދިގެންދާނެކަމަށް މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި ހައި ސްޕީޑް ފެރީގެ ޚިދުމަތް ރޭވިފައިވަނީ ސިއްހީ ޚިދުމަތް ހޯދުމަށާއި، އެހެނިހެން ޚިދުމަތް ހޯދުމަށް ރަށްތަކަށް ދަތުރުކުރާ ފަރާތްތަކަށް ފަސޭހަވާނެ ގޮތްތަކަށް ބެއްލެވުމަށްފަހުކަމަށެވެ. މި މަޝްރޫޢު އެމްޓީސީސީއާއި ހަވާލުކުރީ ހުއްޓުމެއްނެތި ދެމެހެއްތެނިވިގޮތެއްގައި އެމަޝްރޫޢު ކުރިއަށް ގެންދިއުމުގެ ބޭނުމުގައިކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މުޅި ރާއްޖެއަށް ފުޅަކުރުމަށް ހަމަޖެހިފައިވާ އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވަރކްއަކީ މުޅި ރާއްޖެއަށް އަމާޒުކޮށް ފަސިންޖަރުން އަދި މުދާ އުފުލާ ފެރީ ހިމެނޭ ގޮތުން، ނޭޝަނަލް ސްޕޭޝަލް ޕްލޭން (2020-2040) ގައި ހިމެނޭ 3 ޒޯންއާއި 6 ރީޖަން ގުޅުވައިދިނުމަށް ފަރުމާކޮށްފައިވާ ވިއުގައެކެވެ. މި ގޮތުން ފެރީ ނެޓްވޯކްއިން 6 ރީޖަންގައި އެކުލެވޭ ހުރިހާ ރަށްތަކެއް ގުޅައިލެވޭއިރު، އެއް ރީޖަން އަނެއް ރީޖަންއާއި ވެސް ގުޅިގެންދާނެއެވެ. މި ގޮތަށް ފަސިންޖަރުން އުފުލާ ފެރީ ގުޅުވައިލެވިގެންދާނީ ތަފާތު ތިން ގޮތަކަށެވެ. އެއީ "ކޮމިއުޓް ލިންކް،" "ނަން-ކޮމިއުޓް ލިންކް،" އަދި "ހައިވޭ ލިންކް" މެދުވެރިކޮށެވެ.

ކޮމިއުޓް ލިންކްއަކީ އެ ރީޖަންއެއްގައި ހިމެނޭ ރަށްތައް ގުޅުވައިދޭ، ޢާންމުކޮށް ކުރަންޖެހޭ މަސައްކަތް ނުވަތަ ޒަރޫރީ ބޭނުންތަކަށް ކުރާ ކުރު ދަތުރުތަކަށް ޚާއްޞަކުރެވިފައިވާ ލިންކްއެވެ. ނަން-ކޮމިއުޓް ލިންކްއަކީ ދެ ރަށެއްގެ ދެމެދުގައި ކުރާ، ދިގު ދަތުރުތަކަށް ޚާއްޞަކޮށްފައިވާ ލިންކްއެވެ. އަދި ހައިވޭ ލިންކްއަކީ އެއް ރީޖަން އަނެއް ރީޖަންއާ ގުޅުވައިދޭ މައި ދަތުރުފަތުރުގެ ހަބެވެ.

އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވަރކްގައި ހިމެނޭ ދެވަނަ ޚިދުމަތަކީ ކާގޯ ނުވަތަ މުދާ އުފުލާ ފެރީގެ ޚިދުމަތެވެ. މި ޚިދުމަތަކީ، އެ ރީޖަންއެއްގައި ހިމެނޭ ހުރިހާ ރަށްތަކާ އެންމެ ކައިރީގައި އޮންނަ ކޮމަރޝަލް ހަބްއާ ގުޅުވައިދޭނެ ޚިދުމަތެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.