ޑްރެޖަރަށް ބޮޑު ޚަރަދެއް ނުކޮށް، ހިއްކާފައި ހުރި ބިންތައް ތަރައްގީ ކުރަންޖެޖޭ: ފައިސަލް

ޑްރެޖަރަށް ބޮޑު ޚަރަދެއް ނުކޮށް، ހިއްކާފައި ހުރި ބިންތައް ތަރައްގީ ކުރަންޖެޖޭ: ފައިސަލް

Author
އަހުމަދު
23 އޮގަސްޓް 2026 07:00
0

ޑްރެޖަރަށް ބޮޑު ހަރަދެއް ކުރުމުގެ ބަދަލުގައި، މިދިޔަ ސަރުކާރުން ހިއްކާފައި ހުރި ބިންތައް ތަރައްގީކުރުމަށް އިސްކަންދޭންޖެހޭ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ފައިސަލް ވިދާޅުވީ، ޑޮލަރުގެ އަގު އަތްނުފޯރާ ހިސާބަށް އުފުލި، އާންމުންނަށް ޑޮލަރު ހޯދަން ދަތިވަމުންދަނީ ސަރުކާރުން ކުރަމުންދާ ބޭކާރު ހަރަދުތަކުގެ ސަބަބުން ކަމަށެވެ. ދައުލަތަށް ލިބޭ ޑޮލަރުގެ އާމްދަނީ އިތުރުވެ، ރިސޯޓުތަކުން މާރުކުރަންޖެހޭ އުސޫލުން ފައިސާ ލިބެމުންދާއިރުވެސް، މިފަދަ ދަތިކަމެއް ކުރިމަތިވަނީ މިވަގުތަށް ނުކުރަންޖެހޭ ބޮޑެތި ހަރަދުތައް ކުރަމުންދާތީކަން ގަބޫލުކުރަންޖެހޭ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފައިސަލް ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ ނަމުގައި ބޮޑު އަގުގައި ޑްރޯންތަކެއް ގަތުމާއި، ކުރިއަށް އޮތް 20 އަހަރު ތެރޭގައިވެސް ބޭނުންނުވާނެ މިންވަރަށް ބިން ހިއްކުމުގެ މަޝްރޫއުތައް ހިންގުމަކީ ޑޮލަރުގެ އަގު އުފުލެން މެދުވެރިވި މައިގަނޑު ސަބަބުތަކެވެ.

ހާއްސަކޮށް، ރަސްމާލެ މަޝްރޫއަށް ދުނިޔޭގެ އެންމެ ބޮޑު ޑްރެޖަރު ގެނެސްގެން ބޮޑު ފަޅެއް ހިއްކާއިރު، މަސައްކަތް ކުރިޔަސް ނުކުރިޔަސް ދުވާލަކު އެތައް ލައްކަ ޑޮލަރެއް ކުއްޔަށް ދައްކަންޖެހޭ ކަމަށާއި، އަދި ހިއްކާ ކޮންމެ ކިއުބިކް މީޓަރަކަށްވެސް ބޮޑު ހަރަދެއް ކުރަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޒިންމާދާރު ސަރުކާރަކުން އަބަދުވެސް ބަލަންވާނީ ރައްޔިތުންގެ މަންފާއަށްކަން ފާހަގަކުރައްވަމުން، އިގްތިސާދީ ދަތި މިވަގުތު ބޭކާރު ހަރަދުތައް ހުއްޓާލައި، ތަކެތީގެ އަގު ހެޔޮކޮށް، ދިވެހި ވިޔަފާރިތަކަށް ކުރިއެރުން ހޯދައިދިނުމަށް ސަރުކާރުގެ ސިޔާސަތުތައް ބަދަލުކުރުމަށް ފައިސަލް ވަނީ ގޮވާލައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.