ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ދެމީހެއް ޢުމުރަށް ޖަލަށްލުމަށް ޙުކުމްކޮށްފި

ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ދެމީހެއް ޢުމުރަށް ޖަލަށްލުމަށް ޙުކުމްކޮށްފި

Author
މުޙައްމަދު ޖިމީ
17 ޖެނުއަރީ 2021 10:07
0

ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަންގައި ހައްޔަރު ދެމީހަކު ޢުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.

ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނަކީ ދުރާލާ ރާވައިގެން މަސްތުވާތަކެތި ގެންނަކަން އެނގިހުރެ، އެތަކެއްޗާއި ހަވާލުވުމަށް އަންނަ މީހާ މެދުވެރިކޮށް، އެކަމުގައި ހިމެނޭ މީހުން ހޯދުމަށް ހިންގާ އޮޕަރޭޝަނެވެ. މިމައްސަލާގައި ޢުމުރަށް ޖަލަށްލުމަށް ޙުކުމްކޮށްފައިވަނީ މއ.ދޭލިޔާގެ، ޢަލީ ޖިބްރީލްއާއި، ސ.މަރަދޫ، ޒިކުރާ، ޢިމްރާން ވަޖުދީގެ މައްޗަށެވެ. އެމީހުންގެ މައްޗަށް އުފުލާފައިވަނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދަޢުވާއެވެ.

ޢަލީ ޖިބްރީލްއާއި ޢިމްރާން ވަޖުދީ ހައްޔަރުކޮށްފައިވަނީ ޕޯސްޓް އޮފީހަށް ޕޯސްޓް މެދުވެރިކޮށް އައިްފައިހުރި ޕާރްސަލްތައް، ޕޯސްޓް އޮފީހުން އެކްސްރޭކުރަމުން ދަނިކޮށް ޕޯސްޓުން ލިބިފައި އޮތް ޑޮކިއުމަންޓް އެންވެލޮޕްގެ ތެރޭގައި މަސްތުވާތަކެތި ހުރިކަމަށް ތުހުމަތުކުރެވިގެން، އެތަކެއްޗާ ޙަވާލުވުމަށްދާ ފަރާތެއް ހޯދުމަށް، ފުލުހުން ހިންގި ކޮންޓްރޯލް
ޑެލިވަރީ އޮޕަރޭޝަންގައި، ފުލުހުން އެ އެންވެލޮޕް ވެލާނާ ބިލްޑިންގގެ ގުރައުންޑް ފްލޯގައި ހުންނަ މޯލްޑިވްސް ޕޯސްޓްގެ ޕިކްޕޯސްޓް ސްޓޭޝަންގެ ލޮކަރަށްލުމަށްފަހު، އެ އެންވެލޮޕާ ޙަވާލުވުމަށްދާ ފަރާތެއް ހޯދުމަށް ފުލުހުން ފާރައަށްތިބުމަށްފަހު ހިންގި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއްގައެވެ.

އެގޮތުން ޢިމްރާން ވަޖުދީ ވެލާނާގޭގައި ހުންނަ ޕިކް ޕޯސްޓަށް ވަދެ، ކޯޑު ޖެހުމަށްފަހު އެ ލޮކަރ ތެރޭގައި އޮތް އެންވެލޮޕް ނަގައިގެން ދާން ފެށުމުން، ފުލުހުން ޢިމްރާން ވަޖްދީ ހުއްޓުވައި، ޢިމްރާން ވަޖްދީ ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސް، ޢިމްރާން ވަޖުދީއާއި ސުވާލުކުރުމުން، އެ އެންވެލޮޕަކީ ކ.މާލެ/ މއ.ދޭލިޔާގެ، ޢަލީ ޖިބްރީލްގެ އެއްޗެއްކަމަށް އޭނާ ބުނެފައިވެއެވެ. އެތަކެއްޗާ ޙަވާލުވާން އަންނަ ފަރާތެއް ހޯދުމަށް ފުލުހުން ހިންގި ކޮންޓްރޯލް ޑެލިވަރީ އޮޕްރޭޝަންގައި، ޢިމްރާން ވަޖްދީ ދިރިއުޅޭ އެޕާރޓްމަންޓުގައި ފުލުހުން ފާރައަށް ތިއްބައި، ޢަލީ ޖިބްރީލް އެގެއަށް ގޮސް، އީ.އެމް.އެސް ޕާރުސަލް ސިޓީއުރަ ނަގައި، އެ ޕާރުސަލް ސިޓީއުރަ ޢަލީ ޖިބްރީލްގެ އަތުން ވަނީ ކަނޑާފައެވެ. އޭގެތެރޭގައި އޮތް ސިޓީއުރަ ނެގުމަށް އުޅުނު ވަގުތު، ޢަލީ ޖިބްރީލް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ޢަލީ ޖިބްރީލްގެ ހަށިގަނޑު ބަލައި ފާސްކުރިއިރު، އޭނާގެ އަތުން ފެނުނު ތަޅުދަނޑި ފައްޗެއްގައި އޮތް ތަޅުދަނޑިއަކުން، އެ އެޕާރޓްމަންޓުގައި ހުރި ކޮޓަރިއެއް ހުޅުވައި، ކޯޓު އަމުރެއްގެ ދަށުން އެ އެޕާރޓްމަންޓު ބަލައި ފާސްކުރިއިރު، އެ ކޮޓަރީގައި ހުރި ތިޖޫރީއެއްގެ ތެރެއިން ދެ ރަބަރު ޕެކެޓުގައި ޑައިމޯފިން ހުރިކަމަށް އެތަކެތީގެ ތަޙުލީލު ރިޕޯޓަކުން ވަނީ ދައްކާފައެވެ.

އަދި އެ އަލަމާރިން ނެގި މާސްކަތަކަކުން ނެގި ޑީ.އެން.އޭ ޕްރޮފައިލް، ޢިމްރާން ވަޖުދީއާއި ޢަލީ ޖިބްރީލްގެ ޑީ.އެން.އޭ ޕްރޮފައިވާ ދިމާވެފައިވެއެވެ. އަދި އެ ދަޢުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެއްކާއި ޤަރީނާއިން، ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުން ޢިމްރާން ވަޖްދީއާއި، ޢަލީ ޖިބްރީލްގެ މައްޗަށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ކުރި ޙުކުމުގައި ބުނެފައިވެއެވެ.

ކްރިމިނަލް ކޯޓްގެ ޤާޒީ ޙަސަން ސަޢީދު ކުރެއްވި ޙުކުމުގައި ޢިމްރާން ވަޖުދީއާއި ޢަލީ ޖިބްރީލް ޢުމުރަށް ޖަލަށްލުމާއެކު އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށް އެފައިސާ މިއަހަރުގެ ޖެނުއަރީ ފުރަތަމަ ދުވަހުން ފެށިގެން އެއް މަސްދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށް އެދެމީހުންގެ މައްޗަށް ވަނީ ޢަމަުރުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.