ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުނުކުރެވެންވީ އެއްވެސް ސަބަބެއް ނެތް: މުޢިއްޒު

ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުނުކުރެވެންވީ އެއްވެސް ސަބަބެއް ނެތް: މުޢިއްޒު

Author
މުޙައްމަދު ޖިމީ
17 ޖެނުއަރީ 2021 08:59
0

މިސަރަހައްދުގެ ވިޔަފާރި ބަނދަރު ތަރައްޤީކުރަން އެންމެ ރަނގަޅީ ތިލަފުށިކަމަށާއި، އެކަން ނުކުރެވެންވީ ސަބަބެއް ނެތްކަމަށް ކުރީގެ ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މާލޭގެ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމުގެ ގޮތުން މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުން ވަނީ ނިންމާފައެވެ. ނަމަވެސް ސަރުކާރު ބަދަލުވުމާއެކު މިސަރުކާރުންވެސް އެންމެ ފުރަތަމަ ވިޔަފާރި ބަނދަރު ތިލަފުށީގައި ތަރައްޤީކުރުމަށް ނިންމެވިނަމަވެސް މިހާރު ވަނީ އެނިންމުން ބަދަލުކޮށް ގުޅީފަޅުގައި އެބަނދަރު ތަރައްޤީކުރުމަށް ނިންމާފައެވެ.

ކުރީގެ ހައުސިންގ މިނިސްޓަރ އަދި މާލޭގެ މޭޔަރުކަމަށް މިހާރު ވާދަކުރައްވާ ޑރ.މުޙައްމަދު މުޢިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ގުޅީފަޅުގައި އަޅަން ނިންމާފައިވާ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގައި ޓެކްނިކަލް އެއްވެސް މައްސަލައެއް ނެތްކަމަށެވެ. އެކަން ސަރުކާރަށް ނުކުރެވެންވީ އެއްވެސް ސަބަބެއް އޮވެގެން ނުވާނެކަމަށާއި، މިސަރަހައްދުގައި ޕޯރޓް އަޅަން އެންމެ ރަނގަޅީ ތިލަފުށިކަން އެއީ ޓެކްނިކަލީ ބަލާއިރުވެސް ފެންނަން އޮތް ހަޤީގަތެއްކަމަށްވެސްް މުޢިއްޒު ވިދާޅުވިއެވެ،

މާލޭ ވިޔަފާރި ބަނދަރުގެ ޖާގައިގެ ދަތިކަމާއި ތޮށްޖެހުމުގެ ސަބަބުން މުދާ ހުސްކުރުމަށް ގިނަ ދުވަސްތަކެއް ހޭދަވުމަކީ ވިޔަފާރިވެރިންގެ ޝަކުވާއެކެވެ. އެކަމުގެ ހައްލަކީ ބަނދަރުގެ ޖާގަ ބޮޑުކުރުންކަމަށްވާއިރު، ބަނދަރުގެ ޖާގަ ބޮޑުކުރެވޭނެ އެއްވެސް ގޮތެއް މާލޭގައި ނެތްކަމަށް ސަރުކާރުން ބުނެއެވެ.

އެކަމަށް އޮތް ހަމައެކަނި ޙައްލަކީ ބަނދަރު އެހެން ތަނަކަށް ބަދަލުކުރުންކަމަށާއި އެ މަސައްކަތް ސަރުކާރުން ކުރިއަށްގެންދަވާނީ ފިޔަވަހިތަކަކަށް ބަހާލައިގެންކަމަށް މާލޭ ވިޔަފާރި ބަނދަރު ހިންގާ އެމްޕީއެލްއިން ބުނެއެވެ. މިސަރުކާރުގެ ދެއަހަރު ނުވަތަ ތިން އަހަރެއްހާ ދުވަހުގެތެރޭގައި ބަނދަރު ބަދަލުކުރުމުގެ ފުރަތަމަ ފިޔަވަހި މަސައްކަތް ފެށިގެންދާނެކަމަށްވެސް ސަރުކާރުން ކުރިން ބުނިނަމަވެސް އަދިވެސް އެމަސައކްަތް ފެށިފައެއް ނުވެެއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.