ކުޅުދުއްފުށީ ގޭގޭގެ ކަރަންޓު ބިލު ސުމަކަށް ތިރިކުރަން "ގޭދޮށު އިންޖީނު" މަޝްރޫއު ފަށަނީ

ކުޅުދުއްފުށީ ގޭގޭގެ ކަރަންޓު ބިލު ސުމަކަށް ތިރިކުރަން "ގޭދޮށު އިންޖީނު" މަޝްރޫއު ފަށަނީ

Author
އަހުމަދު
01 އޮގަސްޓް 2026 04:42
0

ކުޅުދުއްފުށީގެ ކޮންމެ ގޭބިސީއެއްގެ ކަރަންޓު ބިލު ހިލޭ ކުރުމުގެ އަމާޒުގައި، އިޔާދަކުރުވަނިވި ހަކަތައިގެ ބޮޑު މަޝްރޫއެއް ފެށުމަށް އެ ސިޓީގެ ކައުންސިލުން ތައްޔާރުވެއްޖެއެވެ.

"ގޭދޮށު އިންޖީނު"ގެ ނަމުގައި ކުރިއަށް ގެންދާ މި މަޝްރޫއަކީ މިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ކުޅުދުއްފުށީ ކައުންސިލަށް ވާދަކުރި ކެންޑިޑޭޓުން ވެފައިވާ ވައުދެކެވެ. ކުރިއަށް އޮތް 15 ވަރަކަށް ދުވަހުގެ ތެރޭގައި މި މަޝްރޫއު ރަސްމީކޮށް އިއުލާން ކުރުމަށް މިހާރު ވަނީ ނިންމައިފައެވެ.

ބުރާސްފަތި ދުވަހުގެ ރޭ ކުޅުދުއްފުށީގެ ރައްޔިތުންނާ ބައްދަލުކުރަން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން، އެ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވީ ކައުންސިލްގެ މައިގަނޑު މަގުސަދަކީ މިހާރު ރައްޔިތުން ކަރަންޓަށް ކުރާ ހޭދަ ދެގުނައަށް ކުޑަކުރުން ކަމަށެވެ.

"ފުރަތަމަ ދުވަހުން ފެށިގެން 4،000 ރުފިޔާ ދައްކާ ގެއެއްގެ ބިލު 2،000 ރުފިޔާއަށް ކުޑަކުރުން. އަދި ހަތަރު އަހަރު ފަހުން އެ ގޭތަކަށް ހިލޭ ކަރަންޓް ލިބޭނެ ގޮތް ހެދުން. އެގޮތަށް މިހާރު ފަރުމާކުރެވި މައުލޫމާތު ކަރުދާސް ނިންމާފައި ވާނެ،" މޭޔަރު ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވި ގޮތުގައި މި މަޝްރޫއުގެ ދަށުން ގޭގޭގައި ސޯލާ ޕެނަލް ހަރުކުރެވިގެންދާނެ ކަމަށާއި، އެ ހަރަދު ގޭބިސީތަކުން ދައްކާނީ އިންސްޓޯލްމަންޓަށް ބަހާލައިގެންނެވެ. މީގެ އިތުރުން، ސޯލާ ސިސްޓަމް ހަރުކުރެވޭނީ ވަކިވަކި ގެއެއްގައި ކަމުގައި ވިޔަސް، ނުވަތަ އިންޖީނުގެއެއް ފެންވަރުގައި، ނުވަތަ ބްލޮކެއްގެ ފެންވަރުގައި ކަމުގައި ވެސް ވެދާނެ ކަމަށާއި، ފަރުމާ ކުރެވިފައި ވަނީ ހައިބްރިޑް ސިސްޓަމެއް ގާއިމުކުރާ ގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އާތިފް އިތުރަށް ވިދާޅުވީ މި މަސައްކަތްކުރާނެ ބަޔަކު ހޯދުމަށް ވަރަށް އަވަހަށް ޓެންޑަރަށް ހުޅުވާލެވޭނެ ކަމަށާއި، އަހަރެއްގެ ތެރޭގައި މުޅި މަޝްރޫއު ނިންމާލެވޭނެ ކަމަށެވެ.

މަޝްރޫއުގެ އިތުރު ތަފުސީލު ދެއްވަމުން ކައުންސިލް މެންބަރު ރިލްވާން މުހައްމަދު ވިދާޅުވީ، މިއީ ހަގީގީ މަޝްރޫއަކަށް ހެދުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި، އަމާޒަކީ ކުޅުދުއްފުށީގެ ކޮންމެ ގެއަކީ އަމިއްލައަށް ހަކަތަ އުފައްދާ މަރުކަޒަކަށް ހެދުން ކަމަށެވެ.

"މި މަޝްރޫއާއެކު، ފުރަތަމަ ދުވަހުން ފެށިގެން ވެސް ގޭބިސީތަކުގެ ކަރަންޓު ބިލުން ދެބައިކުޅަ އެއްބައި ކުޑަވެގެންދާނެ. މާނައަކީ ކަރަންޓް ބިލަށް މިހާރު 3،000 ރުފިޔާ ހަރަދު ކުރާ ގެތަކުން 1،500 ރުފިޔާއަށް ތިރިކުރުން،" ރިލްވާން ވިދާޅުވިއެވެ.

މީގެ އިތުރުން، އިޔާދަކުރެވޭ ހަކަތަ ބޭނުންކޮށްގެން އާމްދަނީ ހޯދުމުގެ ފުރުސަތު ކޮންމެ ރައްޔިތަކަށް ފަހިވެގެންދާނެ ކަމަށާއި، މިއީ މުޅިން 'އޮފް-ގްރިޑް' ނިޒާމަކަށް ފަރުމާކުރެވިފައިވާ މަޝްރޫއެއް ކަމަށް ވެސް ރިލްވާން ވިދާޅުވިއެވެ. މި ނިޒާމުގައި ބެޓެރީ ހަރުކުރާނީ ކޮންމެ ގެއެއްގައި ވަކިންތޯ ނުވަތަ ބްލޮކް ލެވެލްގައިތޯ ބަލައި، އެންމެ ފައިދާހުރި ގޮތަކަށް ކުރިއަށް ގެންދިއުމަށް ރާވަމުންދާ ކަމަށާއި، މިއީ ތިމާވެއްޓާ ރައްޓެހި، އަދި ރައްޔިތުންގެ ޖީބަށް ލުއި ލިބޭނެ، ދެމެހެއްޓެނިވި ބޮޑު ބަދަލެއް ގެނުވާނެ ޕްރޮޖެކްޓެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އެންމެ ފަހުގެ ބޯހިމެނުމުން ދައްކާ ގޮތުން ކުޅުދުއްފުށީގައި 1،700 އަށްވުރެ ގިނަ ގޭބިސީ ހުރެއެވެ. ކަރަންޓަށް ބޮޑު ހޭދައެއް އެ ގޭބިސީތަކުން ކުރާއިރު، އެ ރަށުން ފެނަކައަށް ބޮޑު އާމްދަނީއެއް ލިބެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.