އެމްޑީޕީގެ މެންބަރުން ވަޒީފާއިން ވަކިކުރަމުންދާ ކަމަށް ވިދާޅުވެ ޝާހިދުގެ ފާޑުކިޔުން ސަރުކާރަށް

އެމްޑީޕީގެ މެންބަރުން ވަޒީފާއިން ވަކިކުރަމުންދާ ކަމަށް ވިދާޅުވެ ޝާހިދުގެ ފާޑުކިޔުން ސަރުކާރަށް

Author
އަހުމަދު
21 ޖުލައި 2026 09:28
0

ޕްރައިވަޓައިޒޭޝަން ބޯޑުގެ ނިވަލުގައި ސަރުކާރު އޮވެ، އެމްޑީޕީގެ އާންމު މެންބަރުންނާއި އިސްލާޙަށް ލޯބިކުރާ ދިވެހި ރައްޔިތުން ރާއްޖޭގެ އެކި ހިސާބުތަކުން ވަޒީފާއިން ވަކިކުރަމުންދާ ކަމަށް ވިދާޅުވެ، އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ސަރުކާރަށް ވަރުގަދަ ފާޑުކިޔުމެއް އަމާޒުކުރައްވައިފިއެވެ.

ޝާހިދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސަރުކާރުން ވަޒީފާއިން މީހުން ވަކިކުރަމުންދަނީ އެއްވެސް ސުމާރެއް ނެތި ކަމަށެވެ. އަދި މިކަން ކުރަމުންދަނީ ޕީއެންސީގެ އެކްޓިވިސްޓުންނަށް ވަޒީފާ ބަހައި، ސަރުކާރު ދެމެހެއްޓުމުގެ ހީލަތްތެރި ވިސްނުމުގައި ކަމަށް ވެސް ޝާހިދު ތުހުމަތުކުރައްވާފައިވެއެވެ.

ޝާހިދު ސިފަކުރެއްވި ގޮތުގައި، މިއީ އިޤްތިޞާދު ހީނަރުވެ، ޑޮލަރުގެ އަގު އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައި އެތައް ރައްޔިތުންނެއް ބިކަކޮށް، ޢާއިލާތައް އިނދަޖައްސާލުމަށް ހިންގާ އަނިޔާވެރި ޖަރީމާއެކެވެ.

"މިކަން ވަގުތުން ހުއްޓާލާ، ސަރުކާރުގެ ސިޔާސީ ވަޒީފާ ބެހުމުގެ އިސްރާފާއި ކޮރަޕްޝަނަށް ބައި އަޅާ ފައިސާ ސަލާމަތްކޮށް، ރައްޔިތުން ވަޒީފާގެ ކަށަވަރުކަން ނެތުމުގެ ބިރުން ސަލާމަތްކޮށްދިނުމަށް ސަރުކާރަށް ގޮވާލަން،" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު އިތުރަށް ވިދާޅުވީ، އެފަދަ ބޭއިންޞާފާ ކުރިމަތިލާން ޖެހޭ ކޮންމެ ރައްޔިތެއްގެ ޙިމާޔަތުގައި އެމްޑީޕީ ދެމިއޮންނާނެ ކަމަށެވެ. އަދި އެމްޑީޕީގެ ވެރިކަމެއްގައި، ވަޒީފާއިން ބޭއިންޞާފުން ވަކިކޮށްފައިވާ ފަރާތްތަކަށް ބަދަލު ހޯދައިދޭނެ ކަމުގެ ޔަޤީންކަން ވެސް ޝާހިދު ދެއްވިއެވެ.

މި ފާޑުކިޔުންތައް އަމާޒުވެފައި މިވަނީ، ސަރުކާރުގެ ކުންފުނިތަކުން ފަހަކަށް އައިސް ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދާ ކަމުގެ ޝަކުވާ އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.