2019 ވަނަ އަހަރުގެ ޑިސެމްބަރ މަހު، ޗައިނާގެ ވޫހާން ސިޓީން މުޅި ދުނިޔެއަަށް ފެތުރެންފެށި ކޯވިޑް19 އަަށް ޕޮޒިޓިވެ މުޅި ދުނިޔެއިން މަރުވި މީހުންގެ އަދަދު 2 މިލިއަނަށް އަރައިފިއެވެ.
ކޯވިޑް19 ބަލީގައި ދުނިޔެއިން މަރުވި މީހުންގެ އަދަދު 2 މިލިއަނަށް އަރާފައިމިވަނީ، މިބައްޔަށް ދޭނެ ވެކްސިންތައް އީޖާދުކޮށް، އެހެންންމަވެސް ވެކްސިން ޖެހުމުގައި ދުނިޔޭގެ ބައެއް ގައުމުތަށް ވަރަށް ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، އަނެއްބައި ގައުމުތަކަށްވަނީ ވެކްސިންތައް އެގައުމުގެ އާބާދީތަކަށް އެކަށީގެންވާ މިންވަރަށް އަދި އެތެރެ ކުރެވޭނެ މަގެއް ފެނިފައި ނުވަނިކޮށެވެ.
ކޯވިޑް19ގައި ދުނިޔެއިން މަރުވެފައިވާ މީހުންގެ އަދަދު މިބަލީގެ ރަސްމީ ހިސާބުތައް ބަލަހައްޓަމުންދާ އެމެރިކާގެ ޖޯން ހޮޕްކިންސް ޔުނިވާސިޓީން އާންމުކޮށްފައިވާއިރު، މުޅި ދުނިޔެއިން މަރުވެގެން ގޮސްފައިވާ މީހުންގެ އަދަދަކީ ބެލްޖިއަމްގެ ބްރަސަލްސް، ސައުދީ އަރަބިއާގެ މައްކާ، ބެލަރޫސްގެ އެންމެ ބޮޑު ސިޓީކަމުގައިވާ މިންސްކް އަދި މީގެ އިތުރުން އޮސްޓްރިއާގެ އެންމެ ބޮޑު އަދި ވެރިކަން ކުރާ ސިޓީ ކަމުގައިވާ ވިއެނާގެ އާބާދީއާ އެއްވަރު އަދަދެކެވެ.
ޖޯން ހޮޕްކިންސް ޔުނުވަރސިޓީން އާންމު ކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، ދުނިޔެއިން މިބަލި އެންމެ ފުރަތަމަ ފެނުނު ދުވަހުން ފެށިގެން މިހާތަނަށް އައިއިރު ދުނިޔެއިން 93 މިލިއަން މީހުންވަނީ ކޯވިޑް19 އަށް ޕޮޒިޓިވް ވެފައެވެ.
ސިއްޙީ އާލަމީ މިބޮޑު ވަބާގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ބައްރަކީ ޔޫރަޕެވެ. އެބައްރުގައި މިހާތަނަށް މިބަލީގައި 650،560 މީހުންވަނީ މަރުވެގެން ގޮސްފައެވެ.
މީގެއިތުރުން ލެޓިން އެމެރިކާގެ ގައުމުތަކާއި އަދި ކެރީބިއަން ގައުމުތަކުން މިބަލީގައި 542،410 މީހުން މަރުވެފައިވާއިރު، އެމެރިކާއާއި ކެނެޑާއިން ކޯވިޑް19 ޖެހިގެން 407،090 މީހުންވަނީ މަރުވެފައެވެ.
ކޯވިޑް19ގައި މަރުވެފައިވާ މީހުންގެ އަދަދު 2 މިލިއަނަށް އެރުމާގުޅިގެން، ޔޫއެންގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް އާންމު ކުރެއްވި ސްޓޭޓްމަންޓެއްގައި ވަނީ، މިބައްޔާ ދެކޮޅަށް ހަގުރާމަ ކުރުމުގައި ދުނިޔޭގެ ގައުމުތައް އެއްގަލަކަށް އެރުމަށް ގޮވާލައްވާފައެވެ.
"ހިތާމައާއެކީ ދަނަންނަވަން ޖެހެނީ، ދުނިހޭގެ ގައުމުތަކުގެ މެދުގައި އެއްބައިވަންތަ ކަމެއް ނެތި ދިއުމުގެ ސަބަބުން، މިބަލީގެ ނުރައްކާތެރިކަން އެތައް ގުނައަކަށް މަތިވެގެން ގޮސްފައިވާކަން،" ޔޫއެންގެ ސެކެޓްރީ ޖެނެރަލް ވިދާޅުވެފައި ވެއެވެ.
Our world has reached a heart-wrenching milestone: #COVID19 has now claimed two million lives.
Sadly, the impact of the pandemic has been made worse by the absence of global coordination.
In the memory of those two million souls, the world must act with far greater solidarity. pic.twitter.com/wFGZpiLmIj
— António Guterres (@antonioguterres) January 15, 2021
ދުނިޔޭގައި މިހާތަނަށް އެންމެ އަވަސްމިނެއްގައި އީޖާދުކޮށް، އަދި ބޭނުން ކުރުމުގެ ހުއްދަ ދޫކުރެވުނު ވެކްސިން ކަމުގައިވާ، ކޯވިޑް19 ވެކްސިންގެ ފުރަތަމަ ޑޯޒް މިހާރުވަނީ، ދުނިޔޭގެ އެންމެ މުއްސަދި ބައެއް ގައުމުތައް ކަމުގައިވާ، އެމެރިކާ، އިގިރޭސިވިލާތް، ޖަރުމަނުވިލާތް، ކެނެޑާ އަދި އިސްރާއިލުގެ އެތައް މިލިއަން ރައްޔިތުންނަށް ދީފައެވެ.
އެހެންނަަމަވެސް ދުނިޔޭގެ އެހެން ހިސާބުތަކުގައި، މިވެކްސިން ގައުމުތަކުގެ ރައްޔިތުންނަށް ދިނުމުގައި އަދިވެސް އުޅެނީ ވަރަށް ފަހަތުގައެވެ. އަދި އަނެއްބައި ގައުމުތަކަށް ވެކްސިން އަދި އެތެރެ ކުރެވިފައެއްވެސް ނުވެއެވެ.
ދިވެހި ސަރުކާރުން ބުނެފައިވަނީ ރާއްޖެއަށް ބޭނުންވާ ވެކްސިން މިމަހު ފަހުކޮޅު ރާއްޖެއަށް ގެނެވެނޭ ކަމަށެވެ.
ކޯވިޑް19ގައި 2 މިލިއަން މީހުން މަރުވެފައިވާ ކަމަށް ޖޮން ހޮޕްކިންސް ޔުނިވާސިޓީ އާންމު ކުރި ހިސާބުތަކުން ދައްކާ ކަމުގައިވި ނަމަވެސް، މިއަށްވުރެ މާގިނަ އަދަދެއްގެ މީހުން ދުނިޔެއިން މިބަލީގައި މަރުވެގެން ގޮސްފައިވާނެކަމަށް ސިއްޙީ ތަޖުރިބާކާރުން ދަނީ ވިދާޅުވަމުންނެވެ.
ކޮމެންޓު ފޮނުވާ