ޓްރަމްޕްގެ އަރިސް، އިޒްރޭލަށް ވާގިވެރިވެދޭ ސެނެޓަރު ލިންޑްސީ ގްރަހަމް ކުއްލި ގޮތަކަށް ނިޔާވެއްޖެ

ޓްރަމްޕްގެ އަރިސް، އިޒްރޭލަށް ވާގިވެރިވެދޭ ސެނެޓަރު ލިންޑްސީ ގްރަހަމް ކުއްލި ގޮތަކަށް ނިޔާވެއްޖެ

Author
އަހުމަދު
12 ޖުލައި 2026 02:58
0

އެމެރިކާގެ ރިޕަބްލިކަން ޕާޓީގެ ނުފޫޒުގަދަ ސެނެޓަރު އަދި ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަރިސް ބޭފުޅެއް ކަމަށްވާ ލިންޑްސީ ގްރަހަމް، ކުއްލި ބައްޔެއްގައި އުމުރުފުޅުން 71 އަހަރުގައި އަވަހާރަވެއްޖެއެވެ.

ސައުތު ކެރޮލައިނާ ތަމްސީލުކުރައްވަމުން ގެންދެވި ގްރަހަމް އަވަހާރަވީ ހޮނިހިރު، ޖުލައި 11 ވަނަ ދުވަހުގެ ރޭ، ކުއްލި ގޮތަކަށް ދިމާވި ކުރު ބައްޔަކާ ގުޅިގެން ކަމަށް އޭނާގެ އޮފީހުން ވަނީ ކަށަވަރުކޮށްދީފައެވެ. އޭނާގެ އޮފީހުގެ ކޮމިއުނިކޭޝަންސް ޑައިރެކްޓަރު އާދިއްތަ ދުވަހުގެ ފަތިހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، މި ދަތި ދަނޑިވަޅުގައި އާއިލާގެ މަސްލަހަތަށް އިހުތިރާމް ކުރެއްވުމަށާއި، އެންމެންގެ ހެޔޮ ދުއާއަށް ވަނީ އެދިވަޑައިގެންފައެވެ. ގްރަހަމް ބަލިވެ އުޅުއްވިކަމުގެ އެއްވެސް ނިޝާނެއް، އަވަހާރަވުމުގެ ކުރިން ފާޅުވެފައި ނުވާ ކަމަށް އޭނާގެ އޮފީހުގެ އިސް މުވައްޒަފަކާ ހަވާލާދީ އެންބީސީ ނޫހުން ވަނީ ރިޕޯޓު ކޮށްފައެވެ.

23 އަހަރު ސެނެޓުގައި ހިދުމަތްކުރައްވައި، ސިޔާސީ ދާއިރާގައި ތިން ދިހަ ފަހަރުވަރު ހޭދަކުރެއްވި ގްރަހަމް ފުރަތަމަ ސެނެޓަށް އިންތިހާބުވެވަޑައިގަތީ 2002 ވަނަ އަހަރުއެވެ. އެއަށްފަހު 2008، 2014 އަދި 2020 ވަނަ އަހަރު ވެސް އޭނާ ވަނީ އެ ގޮނޑި ދިފާއު ކުރައްވާފައެވެ. ސެނެޓަށް ވަޑައިގަތުމުގެ ކުރިން، 1994 ވަނަ އަހަރު ސައުތު ކެރޮލައިނާގެ ތިންވަނަ ކޮންގްރެޝަނަލް ޑިސްޓްރިކްޓް ތަމްސީލުކުރައްވަމުން، އޭނާ ވަނީ އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ މެންބަރުކަން ވެސް ކުރައްވާފައެވެ. ސެނެޓް ބަޖެޓް ކޮމިޓީގެ މުގައްރިރުކަން ފުޅާ ދާއިރާއެއްގައި ފުރުއްވި ގްރަހަމް، ސެނެޓް ޖުޑިޝަރީ، އެޕްރޯޕްރިއޭޝަންސް އަދި އެންވަޔަރަންމަންޓް އެންޑް ޕަބްލިކް ވޯކްސް ކޮމިޓީގައި ވެސް ހިދުމަތްކުރެއްވިއެވެ.

2016 ވަނަ އަހަރު ރިޔާސީ ރޭހަށް ނުކުމެވަޑައިގަތް ނަމަވެސް، ޕްރައިމަރީގެ ކުރިން އެ ރޭހުން ވަކިވެވަޑައިގެންނެވި ގްރަހަމް، ފުރަތަމަކޮޅު ޓްރަމްޕަށް ފާޑުވިދާޅުވި ނަމަވެސް، ފަހުން ވެގެންދިޔައީ ޓްރަމްޕްގެ އެންމެ ވަފާތެރި އެއް ބައިވެރިޔާއަށެވެ. އޭނާ އަވަހާރަވުމާ ގުޅިގެން ޓްރުތު ސޯޝަލްގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ސިފަކުރެއްވީ ގްރަހަމް އަކީ "ޙަޤީޤީ އެމެރިކާގެ ގައުމީ ބަޠަލެއް" ކަމަށާއި، އޭނާ ދަންނަ އެންމެ މޮޅު ސެނެޓަރުންގެ ތެރެއިން އެކެއް ކަމަށެވެ.

ހާރިޖީ ސިޔާސަތުގައި ހަރުކަށި ފިކުރެއް ގެންގުޅުއްވި ގްރަހަމް އަކީ 2003 ވަނަ އަހަރު އެމެރިކާއިން އިރާގަށް އެރުމަށް ތާއީދު ކުރެއްވި، އަދި އީރާނާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅުމަށް އަބަދުވެސް ވަކާލާތު ކުރެއްވި ބޭފުޅެކެވެ. ހަމައެއާއެކު، އިސްރާއީލުގެ ވަރުގަދަ މަދަދުގާރެއްގެ ގޮތުގައި ވެސް ފާހަގަކުރެއްވި ގްރަހަމް އަވަހާރަވުމާ ގުޅިގެން، އިސްރާއީލުގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ވިދާޅުވީ އިސްރާއީލަށް އެންމެ ގާތް އެއް އެކުވެރިޔާ ގެއްލިއްޖެ ކަމަށާއި، އެމެރިކާއާއި އިސްރާއީލުގެ ސަލާމަތަކީ ވަކިކުރެވެން ނެތް ދެ ކަމެއްކަން ގްރަހަމް ދެނެވަޑައިގަތް ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ގްރަހަމް އަވަހާރަވުމުގެ އެންމެ ދެ ދުވަސް ކުރިން، އޭނާ ވަނީ ޔޫކްރެއިންގެ ވެރިރަށް ކިއޭވަށް ޒިޔާރަތްކުރައްވައި، ޔޫކްރެއިންގެ ރައީސް ވޮލޮޑިމިއާ ޒެލެންސްކީއާ ބައްދަލުކުރައްވައި، އެ ގައުމުގެ ވައިގެ ދިފާއީ ބޭނުންތަކާއި ރަޝިޔާއާ ދެކޮޅަށް އަޅާ އައު ފިޔަވަޅުތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ. އަދި އާދިއްތަ ދުވަހު އެންބީސީގެ "މީޓް ދަ ޕްރެސް" ޕްރޮގްރާމަށް އޭނާ ވަޑައިގަތުމަށް ވެސް ހަމަޖެހިވަޑައިގެންފައި ވަނިކޮށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.