ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ އަމާން ދޯދި ފްލެޓެއްގެ ފުރަތަމަ ފަންގިފިލާއިން ވެއްޓި އަނިޔާވި އުމުރުން 16 އަހަރުގެ ކުއްޖާގެ ހާލު ރަނގަޅުވެ، ވެންޓިލޭޓަރުން ނަގައި ވޯޑަށް ބަދަލުކޮށްފިއެވެ.
މިދިޔަ އަންގާރަ ދުވަހުގެ ރޭ ހިނގި މި ހާދިސާގައި އަނިޔާވި ކުއްޖާއަށް އެންމެ ފުރަތަމަ ފަރުވާދިނީ ހުޅުމާލެ ހޮސްޕިޓަލުގައެވެ. އެއަށްފަހު އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ބަދަލުކޮށް، މިހާތަނަށް ފަރުވާދެމުން އައީ ވެންޓިލޭޓަރުގެ އެހީގައެވެ. އައިޖީއެމްއެޗުން މައުލޫމާތު ދިން ގޮތުގައި އެ ކުއްޖާ ވޯޑަށް ބަދަލުކުރީ ސިއްހީ ހާލަތު ކުރިއަށްވުރެ ރަނގަޅުވުމާ ގުޅިގެންނެވެ. ނަމަވެސް ކުއްޖާއާ ގުޅޭ އިތުރު ތަފްސީލެއް ހޮސްޕިޓަލުން ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުންގެ އެހީތެރިކަމާއެކު އެރޭ ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ކުއްޖާ ހޭނެތިފައެއް ނުވެއެވެ. ނަމަވެސް، ކަރުންނާއި ނޭފަތުގެ އިތުރުން ކަންފަތުން ލޭ އައުމާއި، ދަތްދޮޅި ފަޅައިގެން ގޮސްފައިވުމުގެ ސަބަބުން ވާހަކަދެއްކުމަށް އުނދަގޫތަކެއް ހުރިކަމަށް ހޮސްޕިޓަލުން ކުރިން ބުނެފައިވެއެވެ. މީގެ އިތުރުން ފަލަމަސްގަނޑުގެ ކަށިގަނޑު ބިނދި، މޫނުމަތީގެ ބައެއް ކަށިތަކަށްވެސް ވަނީ ގެއްލުންވެފައެވެ. އެހެންނަމަވެސް ސިކުނޑިއަށް ލޭ އެޅިފައި ނުވާކަން ސީޓީ ސްކޭނުން ވަނީ ކަށަވަރުވެފައެވެ.
މި ކުއްޖާ ފްލެޓުން ވެއްޓެން މެދުވެރިވި ސަބަބު އަދި ސާފުވެފައި ނުވާއިރު، ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ