ދިވެހިރާއްޖެއިން ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އަށް ކަނޑައެޅުއްވި އާ ސަފީރު ތޯރިގު އިބްރާހިމް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅުގެ ކޮޕީ ޔޫއޭއީ ސަރުކާރަށް ހުށަހަޅުއްވައިފިއެވެ.
ޔޫއޭއީގެ ފޮރިން މިނިސްޓްރީގެ އަންޑަސެކްރެޓަރީ އުމަރު އުބައިދު އަލްހަސަން އަލްޝާމްސީއަށް މި ފަތްކޮޅު އެރުވުމަށް ބޭއްވި ބައްދަލުވުމުގައި، ޔޫއޭއީގެ ފޮރިން މިނިސްޓްރީން ވަނީ ރާއްޖޭގެ އާ ސަފީރަށް މަރުހަބާ ވިދާޅުވެފައެވެ. އަދި ދެ ގައުމުގެ ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި އެކި ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން އަންޑަސެކްރެޓަރީ ދެއްވިއެވެ. މި ބައްދަލުވުމުގައި ތޯރިގު ވަނީ، ޔޫއޭއީގެ ރައީސް ޝައިޚް މުހައްމަދު ބިން ޒައިދު އަލް ނަހްޔާންގެ ލީޑާޝިޕްގެ ދަށުން އެ ގައުމުން ހޯދަމުން އަންނަ ބައިނަލްއަގުވާމީ ކުރިއެރުންތަކަށް ތައުރީފު ކުރައްވާފައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، ތޯރިގު މި މަގާމަށް އައްޔަންކުރެއްވީ އޭނާއަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމާ ގުޅިގެންނެވެ. މީގެ ކުރިން ތިމާވެއްޓާ ބެހޭ މިނިސްޓަރުކަމާއި ޓޫރިޒަމް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ތޯރިގު މި މަގާމަށް ވަޑައިގަތީ، ކުރިން އެ މަގާމުގައި ހުންނެވި މުހައްމަދު ހުސައިން ޝަރީފް (މުންދު) މަގާމުން ވަކިކުރެއްވުމުންނެވެ. ރާއްޖެއާއި ޔޫއޭއީއާ ދެމެދު ރަސްމީކޮށް ހާރިޖީ ގުޅުން ގާއިމްކޮށްފައިވަނީ 15 މާޗު 1978 ގައެވެ.
ކޮމެންޓު ފޮނުވާ