ދިވެހި ފުލުހުންގެ ޚިދުމަތް އިތުރަށް ވަރުގަދަކޮށް ހަރުދަނާކުރުމަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތަށް 93 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ފުލުހުންނާއި އެބޭފުޅުންގެ ޢާއިލާތަކުން ޤައުމަށްޓަކައި ވާ ޤުރުބާނީ ފާހަގަކުރައްވައިފައެވެ. މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، ނުރަނގަޅު އާދަތަކުން ޤައުމު ސަލާމަތްކުރުމުގައި ފުލުހުން އެންމެ ގާތުން އަދާކުރާ މުހިންމު ދައުރަށް އެމަނިކުފާނު ތަޢުރީފުކުރެއްވިއެވެ.
ފުލުހުންނަށް ދިމާވާ ގޮންޖެހުންތައް ޙައްލުކުރުމަށްޓަކައި ޤާނޫނީ އަދި ޢުމްރާނީ ގޮތުން ގެންނަންޖެހޭ ބަދަލުތައް ގެންނަވާނެކަމަށް ރައީސް ވިދާޅުވިއެވެ. މިގޮތުން މާލޭގައި ޒަމާނީ ފެންވަރުގެ ހެޑްކުއާޓަރަކާއި އިތުރު މަރުކަޒެއް ޤާއިމުކުރުމުގެ އިތުރުން، ދ. ވާނީގައި ހުންނަ ތަމްރީނު މަރުކަޒު އެންމެ ޒަމާނީ ފެންވަރަށް ތަރައްޤީކުރައްވާނެކަން ފާހަގަކުރެއްވިއެވެ. އަދި އަމިއްލަ އިމާރާތްތަކުގައި ޚިދުމަތް ދިނުމަށް މިހާރު ކުރިއަށްދާ މަޝްރޫޢުތައް އަންނަ އަހަރުގެ ތެރޭގައި ނިންމަވާނެކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން، ކުރިއަށް އޮތް ތަނުގައި ފުލުހުންނާއި އެބޭފުޅުންގެ ޢާއިލާތަކަށް ބޯހިޔާވަހިކަމުގެ އިތުރު ފުރުޞަތުތައް ފަހިކޮށްދެއްވުމަކީ ސަރުކާރުގެ ސިޔާސަތެއްކަން ފާހަގަކުރައްވައި، އެކަމުގެ އަމަލީ ނަތީޖާ ދައްކަވާނެކަމުގެ ޔަޤީންކަންވެސް ރައީސް ވަނީ ދެއްވާފައެވެ.
ކޮމެންޓު ފޮނުވާ