ވެނެޒުއޭލާ ސުންނާފަތިކޮށްލި ބާރުގަދަ ބިންހެލުމުގައި އެތައް ސަތޭކަ ބަޔަކު މަރުވެއްޖެ

ވެނެޒުއޭލާ ސުންނާފަތިކޮށްލި ބާރުގަދަ ބިންހެލުމުގައި އެތައް ސަތޭކަ ބަޔަކު މަރުވެއްޖެ

Author
އަހުމަދު
26 ޖޫން 2026 11:40
0

ވެނެޒުއޭލާއަށް އައި 7.5 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއްގައި އެގައުމުގެ ވެރިރަށް ކަރަކަސް އާއި ވަށައިގެންވާ ސަރަހައްދުތައް ސުންނާފަތިވެ، އެތައް ސަތޭކަ ބަޔަކު މަރުވެއްޖެ އެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސަވޭއިން ހާމަކޮށްފައިވާ ގޮތުގައި، ކަރަކަސްގެ ހުޅަނގަށް ފުރަތަމަ އައީ 7.2 ގެ ބިންހެލުމެކެވެ. އަދި އޭގެ މިނެޓެއްވެސް ނުވަނީސް 7.5 ގެ އިތުރު ބިންހެލުމެއް އައިސްފައިވާއިރު، މިއީ 1900 ވަނަ އަހަރަށްފަހު އެގައުމަށް އައި އެންމެ ބާރުގަދަ ބިންހެލުމެވެ. މި ކާރިސާއާ ގުޅިގެން ހެލްތު މިނިސްޓަރު ކާލޮސް އަލްވަރާޑޯ ވިދާޅުވީ 235 މީހެއްގެ ހަށިގަނޑު މިހާތަނަށް ފެނިފައިވާ ކަމަށެވެ. މީގެ އިތުރުން، ގާތްގަނޑަކަށް 200 އެއްހާ މީހުން އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާއިރު، 250 އަށްވުރެ ގިނަ އިމާރާތް ވަނީ ބިމާހަމަވެފަ އެވެ. އެންމެ ބޮޑު ގެއްލުމެއް ލިބުނު ލާ ގުއައިރާ ސްޓޭޓުން އެކަނިވެސް 70،000 އަށްވުރެ ގިނަ އާއިލާ ހާލުގައި ޖެހިފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން މައުލޫމާތުދެ އެވެ.

ވެނެޒުއޭލާގެ ވަގުތީ ރައީސް ޑެލްސީ ރޮޑްރިގޭޒް ވަނީ މިއީ ބޮޑު ކާރިސާއެއްގެ ގޮތުގައި ސިފަކުރައްވައި، މީހުން ސަލާމަތްކުރުމަށް އަމިއްލަ ކުންފުނިތަކުގެ ބަރު މެޝިނަރީތައް ބޭނުންކުރަން ފަށާފައިވާކަން ހާމަކުރައްވާފަ އެވެ. އެހެންނަމަވެސް، ބައެއް އާންމުން ދަނީ އެއްވެސް އާލާތެއް ނެތި ހުސްއަތާ އިމާރާތްތަކުގެ ކުނިބުނިތައް ނަގައި، އާއިލާ މީހުން ސަލާމަތްކުރެވޭތޯ އަމިއްލައަށް މަސައްކަތް ކުރަމުންނެވެ. ބައެއް ނުރަސްމީ ރިޕޯޓުތައް ބުނާގޮތުން 46،000 އަށްވުރެ ގިނަ މީހުން ގެއްލިފައިވާ ކަމަށް ވެބްސައިޓެއްގައި އާންމުކޮށްފައިވި ނަމަވެސް، މިއީ އަދި ކަށަވަރުކުރެވިފައިވާ އަދަދެއް ނޫނެވެ.

މި ހިތާމަވެރި ދަނޑިވަޅުގައި ބައިނަލްއަގުވާމީ މުޖުތަމައުން ދަނީ ވެނެޒުއޭލާއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެހީތެރިކަން ފޯރުކޮށްދެއްވާނެކަން އިއުލާންކުރައްވާފައިވާއިރު، އެމެރިކާގެ ހާރިޖީ ވަޒީރު މާކޯ ރޫބިއޯ ވަނީ ރެސްކިއު ޓީމުތަކާއި ލޮޖިސްޓިކް ސަޕޯޓު ދޭނެކަމަށް ވިދާޅުވެފަ އެވެ. ހަމައެއާއެކު، އދ. އިން ބައިނަލްއަގުވާމީ އެހީތެރިކަން ކޯޑިނޭޓްކުރަމުން އަންނައިރު، ސްޕޭސްއެކްސް ކުންފުނިން ވަނީ މުވާސަލާތީ ގުޅުން ކެނޑިފައިވާ ސަރަހައްދުތަކަށް އެއް މަސްދުވަހަށް ހިލޭ ސްޓާލިންކް އިންޓަނެޓް ފޯރުކޮށްދޭން ނިންމާފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.