20 މިލިއަން ރުފިޔާގެ ޓެކުހަށް މަކަރުހެދި ކަމަށް ތުހުމަތުވާ ދެ ޑޮކްޓަރުންގެ ޝަރީއަތް ފަށަނީ

20 މިލިއަން ރުފިޔާގެ ޓެކުހަށް މަކަރުހެދި ކަމަށް ތުހުމަތުވާ ދެ ޑޮކްޓަރުންގެ ޝަރީއަތް ފަށަނީ

Author
އަހުމަދު
26 ޖޫން 2026 11:36
0

ކޯވިޑް-19 ގެ ދުވަސްވަރު ޕީސީއާރު ޓެސްޓު ހެދުމުގެ ޚިދުމަތް ދިން ދެ ކުންފުންޏަކުން 20 މިލިއަން ރުފިޔާއަށްވުރެ ގިނަ ރުފިޔާގެ ޓެކުހަށް މަކަރުހެދި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ދެ ޑޮކްޓަރެއްގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް އަންނަ ހަފްތާގައި ކްރިމިނަލް ކޯޓުގައި ފަށަން ތައްޔާރުވެއްޖެއެވެ.

މި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވަނީ އައިލެންޑް ހެލްތް ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑާއި ޕައިނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ އިތުރުން، އެ ކުންފުނިތަކުގެ އިސްވެރިންގެ ގޮތުގައި ހަރަކާތްތެރިވި ޑރ. އިކްލީލް ޝަރީފާއި ޑރ. ޢަލީ ޢަބްދުﷲ ލަޠީފް އަދި ޓެކްސް ބަޔާންތައް ހުށަހެޅުމާ ހަވާލުވެހުރި ޢަލީ ފަޔާޟްގެ މައްޗަށެވެ. މީރާއިން ތަހުގީގުކުރުމަށްފަހު ޕީޖީ އޮފީހަށް ފޮނުވި މި މައްސަލައިގައި، ޓެކްސް ދެއްކުމުން ގަސްދުގައި އެއްކިބާވުމުގެ ކުށުގެ އެތައް ދައުވާއެއް މި ފަރާތްތަކުގެ މައްޗަށް ވަނީ އުފުލާފައެވެ. މީގެ އިތުރުން ގާނޫނު ހިންގުމަށް ހުރަސްއެޅުމުގެ ދައުވާވެސް އައިލެންޑް ހެލްތް ސޮލިއުޝަންސްގެ މައްޗަށް ވަނީ ކޮށްފައެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މައުލޫމާތު ދޭގޮތުގައި، 2020 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރާ ހަމައަށް މި ފަރާތްތަކުން ވަނީ މީރާއަށް ހުށަހެޅި ޓެކްސް ބަޔާންތަކުގައި ކުންފުނިތަކުގެ އަސްލު އާމްދަނީ ބޮޑުތަނުން ދަށްކޮށް ރިޕޯޓުކޮށްފައެވެ. ޕީސީއާރު ޓެސްޓިންގެ އިތުރުން "ޕާލް މެޑިކަލް ސެންޓަރު" މެދުވެރިކޮށް ދިން ޚިދުމަތްތަކުގެ އާމްދަނީވެސް ސިއްރުކޮށްފައިވާއިރު، ޖުމްލަ 20،200،401 ރުފިޔާގެ ޓެކްސް ދެއްކުމުން އެ ކުންފުނިތަކުން ވަނީ ގަސްދުގައި އެއްކިބާވެފައެވެ.

މި ދައުވާތައް ސާބިތުވެއްޖެނަމަ، ޓެކްސް ދެއްކުމުން އެއްކިބާވި އަދަދުގެ ދެ ގުނަ ކަމަށްވާ 40،400،802 ރުފިޔާއިން އެ ކުންފުނިތައް ޖޫރިމަނާކޮށްދިނުމަށާއި، ދައުވާ ލިބޭ ވަކިވަކި ފަރުދުންގެ މައްޗަށް ގާނޫނުގައި ކަނޑައެޅިފައިވާ އެންމެ ބޮޑު އަދަބު ދިނުމަށް ކޯޓުގައި އެދުމަށް ޕީޖީ އޮފީހުން ވަނީ ނިންމާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.