ނެތިދިޔުމުގެ ބިރު ހީވެފައިވާ ކަށިމިޔަރުގެ މަސްވެރިކަން ކުރުމަށް ސަރުކާރުން ދީފައިވާ ހުއްދަ ބާތިލުކުރުމަށް އެދި ހައިކޯޓަށް ހުށަހެޅި މައްސަލަ، އެ ކޯޓުން ބަލައިގަންނަން ނިންމައިފިއެވެ.
ސޭވް މޯލްޑިވްސް ކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރިވާ ހުމައިދާ އަބްދުލްޣަފޫރާއި މުހައްމަދު ސިނީންގެ ފަރާތުން ދުސްތޫރީ މައްސަލައެއްގެ ގޮތުގައި މި މައްސަލަ ހުށަހެޅިއިރު، މީގެ ކުރިން ދެ ފަހަރެއްގެ މަތިން ކޯޓުގެ ރަޖިސްޓްރީ މަރުހަލާއިން ވަނީ މި މައްސަލަ ބޭރުކޮށްލާފައެވެ. އެންމެ ފުރަތަމަ މިދިޔަ ޑިސެންބަރު މަހު އަދި އޭގެ ފަހުން އޭޕްރީލް މަހު މައްސަލަ ބޭރުކޮށްލީ، އެއީ ގާނޫނެއް ނުވަތަ ގަވާއިދަކާ ގުޅޭ މައްސަލައަކަށް ނުވާތީއާއި މައްސަލައިގެ ތަފްސީލު ނެތްކަމަށް ބުނެއެވެ. ނަމަވެސް ރަޖިސްޓްރާގެ ނިންމުން ރިވިއުކުރުމަށް ހުށަހެޅުމުން، ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން މިހާރު ވަނީ މައްސަލަ ބަލައިގަނެ ކުރިއަށް ގެންދަން ނިންމަވާފައެވެ.
ކަށިމިޔަރުގެ މަސްވެރިކަމުން އިގުތިސާދީ ގޮތުން ބޮޑު ނަފާއެއް ލިބިދާނެކަމަށް ލަފާކޮށް، ފުރަތަމަ 40 ދޯންޏަކަށް ލައިސަންސް ދިނުމަށް މިނިސްޓްރީން އޮތީ ނިންމާފައެވެ. އަދި މި މަސްވެރިކަން ކުރެވޭނީ ޑިސެންބަރުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ކަމަށާއި، އުޅަނދުތަކުގައި ޓްރެކިން ޑިވައިސް ހަރުކުރަންޖެހޭނެ ކަމަށްވެސް ކަނޑައަޅާފައިވެއެވެ. މީގެ ކުރިން މިޔަރުގެ އާބާދީ މަދުވާތީ މަސްވެރިކަން މަނާކުރި ނަމަވެސް، ފަހަކަށް އައިސް މިޔަރު ގިނަވެގެން މަސްވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެހެންނަމަވެސް ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ ފަރާތްތަކުން ބުނަމުންދަނީ މިއީ ފަތުރުވެރިކަމަށާއި ރާއްޖޭގެ ތިމާވެއްޓަށް އޭގެ ނޭދެވޭ އަސަރުކުރާނެ ކަމެއް ކަމަށެވެ. ޚާއްސަކޮށް، ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާއެއް ކަމަށްވާ "ސައިޓީސް" ގެ އެޕެންޑިކްސް ދޭއްގައި ކަށިމިޔަރަކީ ނެތިދިޔުމުގެ ބިރު ހީވެފައިވާ ދިރުމެއްގެ ގޮތުގައި ކަނޑައަޅާފައިވުމަކީ އެ ފަރާތްތަކުން މިކަމާ ދެކޮޅުހަދާ އެންމެ ބޮޑު އެއް ސަބަބެވެ.
ކޮމެންޓު ފޮނުވާ