އިސޫއަށް ހަމަލާދިން މީހާ 5 ދުވަހަށް ބަންދުކޮށްފި

އިސޫއަށް ހަމަލާދިން މީހާ 5 ދުވަހަށް ބަންދުކޮށްފި

Author
އަހުމަދު
22 ޖޫން 2026 03:07
0

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޑިރެކްޓަރު އިސްމާއީލް އަބްދުއްރަޙްމާން (އިސޫ) އަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ހައްޔަރުކުރި 21 އަހަރުގެ މީހާގެ ބަންދަށް 5 ދުވަސް ކޯޓުން ޖަހައިދީފިއެވެ.

ފުލުހުން ރޭ ނެރުނު މީޑިއާ ބަޔާނެއްގައި ބުނެފައިވަނީ، ހުޅުމާލެ ފޭސް 2 ގެ ފަރުކޮޅުފުށި ސަރަހައްދުގައި މާރާމާރީއެއް ހިނގައިގެން އުޅޭކަމުގެ ރިޕޯޓު ލިބުނީ އިރުއޮއްސި 6:37 ހާއިރު ކަމަށެވެ.

މި ހާދިސާގައި އިސޫ އަދި އޭނާއަށް ހަމަލާދިން ކަމަށް ތުހުމަތުކުރެވޭ މީހާއަށްވެސް އަނިޔާވެ، ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދީފައިވެއެވެ. މެޑިކަލް އޮފިޝަލުންނާ ހަވާލާދީ ފުލުހުން ބުނީ ދެ މީހުންނަށްވެސް ސީރިއަސް އަނިޔާތަކެއް ލިބިފައިނުވާ ކަމަށެވެ.

ފަރުވާ ދިނުމަށްފަހު އިސޫ އަދި 21 އަހަރުގެ ސަސްޕެކްޓްވެސް ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ. އަދި އޭގެ ފަހުން ހަމަލާދިން މީހާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ފުލުހުން ބުނީ، ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް 5 ދުވަސް ޖަހައިދީފައިވާ ކަމަށެވެ. އަދި މި މައްސަލަ ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ނޫސްވެރިޔާ އަޙްމަދު ރިޟްވާން ޢަބްދުﷲ ގެއްލުވާލުމާއި ބްލޮގަރ ޔާމީން ރަޝީދު މަރާލުމުގެ މައްސަލައާ ގުޅިގެން 2022 ވަނަ އަހަރު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި އިސޫ ހިމެނެއެވެ. އޭގެ އެއް މަސް ފަހުން ޓެރަރިޒަމްގެ އަމަލަކަށް އެހީތެރިވުމުގެ ދެ ދައުވާއެއް އޭނާގެ މައްޗަށް އުފުލުނެވެ. ނަމަވެސް، އެކަށީގެންވާ ހެކި ނެތުމުގެ ސަބަބުން 2023 ވަނަ އަހަރު ކޯޓުން ވަނީ އެ ދައުވާތައް ބާތިލުކޮށްފައެވެ. އެދުވަސްވަރު އޭނާ ހުރީ އިލެކްޓްރޯނިކް ޓެގް އަޅުވައި ގޭބަންދުގައެވެ.

އެޗްޑީސީގެ ޑިރެކްޓަރުކަމުގެ މަގާމަށް އިސޫ އައްޔަންކޮށްފައިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، 2024 ވަނަ އަހަރުގެ ޖެނުއަރީ މަހުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.