ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިންގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުކިޔަމުންދިޔަ ރަޝިޔާގެ މަޝްހޫރު ކުރެހުންތެރިޔަކު ޕޮލެންޑުގައި ބަޑިޖަހައި މަރާލައިފިއެވެ.
"ސެމްޔޮން ސްކްރެޕެޓްސްކީ" ގެ ނަމުން މަޝްހޫރުވެފައިވާ އުމުރުން 44 އަހަރުގެ ރޮބަޓް ކޭ މަރާލާފައިވަނީ ބެލަރޫސްގެ ބޯޑަރާ 40 ކިލޯމީޓަރު ދުރުގައި އޮންނަ ޕޮލެންޑުގެ ބިއާލާ ޕޮޑްލާސްކާ ސިޓީގައެވެ. ޕޮލެންޑުގެ ކަމާބެހޭ ފަރާތްތަކާ ހަވާލާދީ ރިޕޯޓުތައް ބުނާގޮތުން، ބެލަރޫސްގެ ކޮންސިއުލޭޓާ ގާތްގަނޑަކަށް 600 މީޓަރު ދުރުގައި އޮތް ކާރު ޕާކެއްގެ ތެރޭގައި އޭނާގެ ގަޔަށް ފަސް ވަޒަން ޖަހާފައިވެއެވެ. އޭގެ ތެރޭގައި އޭނާގެ ބޮލަށާއި މޭމައްޗަށް ވެސް ވަޒަން އަރާފައިވެއެވެ.
ލުބްލިންގެ ޑިސްޓްރިކްޓް ޕްރޮސެކިއުޓަރ އޮފީހުން މައުލޫމާތު ދޭގޮތުގައި، ހަމަލާދިން މީހާ ފުރަތަމަ ދެ ފަހަރު ބަޑިޖެހުމަށްފަހު، ކުރެހުންތެރިޔާ ބިމަށް ވެއްޓުމުން ގާތަށް ގޮސް އިތުރު ތިން ފަހަރު ވަނީ ބަޑިޖަހާފައެވެ. އަދި އޭގެ ފަހުން އެމީހާ ވަނީ ވަރަށް އަވަހަށް އެ ސަރަހައްދު ދޫކޮށް ފިލާފައެވެ.
މި ހާދިސާއާ ގުޅިގެން ޕޮލެންޑުގެ ފުލުހުން މިހާރު ވަނީ ބެލަރޫސްގެ ދެ ރައްޔިތަކު ހައްޔަރުކޮށްފައެވެ. އުމުރުން 33 އަހަރާއި 37 އަހަރުގެ މި ދެމީހުން ހައްޔަރުކޮށްފައިވަނީ ބެލަރޫސް ކޮންސިއުލޭޓް ކައިރިންނެވެ. ފުލުހުން މިހާރު ދަނީ މި މަރުގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށް، ހައްޔަރުކުރި މީހުންގެ ބައިވެރިވުން އޮތް މިންވަރު ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ.
މަރާލެވުނު ސެމްޔޮން އަކީ ޕޫޓިންގެ އިތުރުން ބެލަރޫސްގެ ލީޑަރު އެލެގްޒެންޑަރ ލުކަޝެންކޯ އަދި ޗެޗްނިޔާގެ ލީޑަރު ރަމްޒާން ކަދީރޯވް ފަދަ ސިޔާސީ އިސް ބޭފުޅުންނަށް ހަޖޫޖަހައި ކެރިކޭޗަރ ކުރެހުމުގައި ފާހަގަކޮށްލެވޭ ފަންނާނެކެވެ. އޭނާ ޕޮލެންޑަށް ދިރިއުޅުން ބަދަލުކުރީ 2021 ވަނަ އަހަރުއެވެ. ދާދި ފަހުން ޖޫން 12 ވަނަ ދުވަހު ބާލިންގައި ހުންނަ ރަޝިޔާ އެމްބަސީ ކުރިމަތީގައި ބޭއްވި އިހުތިޖާޖެއްގައި ވެސް އޭނާ ވަނީ ޕޫޓިންއާއި ސްޓާލިންއަށް މަލާމާތްކޮށް ކުރަހާފައިވާ ކުރެހުމަކާއެކު ބައިވެރިވެފައެވެ.
ކޮމެންޓު ފޮނުވާ