ހުއްދަ ނެތި ފުލުހުންގެ އިމާރާތެއްގެ ގަރާޖަކަށް ވަތް މީހަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް މުއްދަތު ޖަހައިފިއެވެ.
މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އުމުރުން 31 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކުރީ ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގެ ގަރާޖަށް ވަނުމާ ގުޅިގެންނެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ކަސްޓޯޑިއަލް ޖަލެއްގައި 15 ދުވަސް ވަންދެން ބަންދުކޮށްފައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުން، އޭނާގެ މައްޗަށް ކުރެވޭ ތުހުމަތާ ގުޅޭގޮތުން ފުލުހުން ވަނީ ހެކި ހުށަހަޅާފައެވެ. އޭގެ ތެރޭގައި މައްސަލަ ހިނގި ސަރަހައްދުގެ ސީސީޓީވީ ފުޓޭޖްގެ ސްނެޕްޝޮޓްތަކާއި، ފުލުހުންގެ ހާއްސަ ރިޕޯޓު ހިމެނެއެވެ. ކުރިންވެސް ކުށުގެ ރެކޯޑު އޮންނަ މި މީހާ ވަނީ އޭނާގެ މައްޗަށް ކުރެވޭ މި ތުހުމަތުތައް ދޮގުކޮށްފައެވެ.
ކޮމެންޓު ފޮނުވާ