2010 ވަނަ އަހަރު ޏ. ފުވައްމުލަކުގައި ހިންގި މާރާމާރީއެއްގައި އަބްދުﷲ ޝުހާދު މަރާލި މައްސަލައިގެ ސުޕްރީމް ކޯޓުގެ އަޑުއެހުންތައް ނިންމާލައިފިއެވެ. މި މައްސަލައިގައި ޝުހާދުގެ އާއިލާއިން ވަނީ އޭނާ މަރާލި ހަސަން ފަރީދުގެ ކިބައިން މަރަށް މަރު ހިފަން ބޭނުންވާކަން ކޯޓުގައި ހާމަކޮށްފައެވެ.
މީގެ ސާދަ އަހަރު ކުރިން، 27 ޖެނުއަރީ 2010 ވަނަ ދުވަހުގެ ރޭ ޝުހާދަށް ވަޅިން ހަމަލާދީފައިވަނީ ފުވައްމުލަކު ދޫޑިގަމު ހަތަރު އަނގޮޅިއެއް ކައިރީގައި އޭނާ އިންދައެވެ. މި ހަމަލާއަށް ފަރުވާދެމުން ދަނިކޮށް ޖެހިގެން އައި ދުވަހު އޭނާ ވަނީ ނިޔާވެފައެވެ. މި މައްސަލައިގައި ދައުލަތުން ހުށަހެޅި ހަތް މީހެއްގެ ހެކިބަހާއި މެޑިކޯ ލީގަލް ރިޕޯޓަށް ރިއާޔަތްކޮށް، ކްރިމިނަލް ކޯޓުންނާއި ހައިކޯޓުންވެސް ވަނީ ފަރީދުގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅައި، މަރުގެ ހުކުމް އިއްވާފައެވެ. ދަށު ކޯޓުތަކުގެ މަރުހަލާގައިވެސް ޝުހާދުގެ މަންމައާއި ބައްޕަ އެދިފައިވަނީ މަރަށް މަރު ހިފުމަށެވެ.
ހައިކޯޓުގެ ނިންމުން ފަރީދުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ކޯޓުގެ އަޑުއެހުންތައް އެންމެ ފުރަތަމަ ނިންމާލީ 2021 ވަނަ އަހަރުއެވެ. ނަމަވެސް ފަނޑިޔާރުންގެ ބެންޗަށް އައި ބަދަލަކާ ގުޅިގެން މައްސަލަ ދިގުލައިގެން ގޮސް، އަލުން އަޑުއެހުންތައް ފަށައި ދާދިފަހުން ބޭއްވި އަޑުއެހުމުގައި ވަނީ ވާރިސުންގެ ބަސް ނަގާފައެވެ. ސުޕްރީމް ކޯޓުގައިވެސް ޝުހާދުގެ މަންމައާއި ބައްޕަ ވަނީ ގިސާސް ހިފަން ބޭނުންވާކަން ތަކުރާރުކޮށްފައެވެ.
މި މަރުހަލާގައި ފަރީދު ވަނީ ވާރިސުންނާ ދައްކާނެ ވާހަކައެއް ނެތްކަމަށް ބުނެފައެވެ. ނަމަވެސް ތަހުގީގުގައި އޭނާގެ ބައެއް ހައްގުތައް ގެއްލިފައިވާކަމަށް ބުނެ އޭނާ ޝަކުވާކުރުމުން، އެކަންކަން އިތުރަށް ސާފުކުރައްވާނެކަމަށް ފަނޑިޔާރުން ވިދާޅުވިއެވެ. ސުޕްރީމް ކޯޓުން މިހާރު މި މައްސަލައިގެ ހުރިހާ އަޑުއެހުމެއް ނިންމާލާފައިވާއިރު، ދެން އޮންނާނީ ފަހުގެ ނިޔާ ކަނޑައަޅައި ހުކުމް އިއްވުމެވެ.
ކޮމެންޓު ފޮނުވާ