އިންޑިއާގެ ބޮޑުވަޒީރުކަމުގެ މަގާމުގައި މެދުނުކެނޑި އެންމެ ގިނަ ދުވަހު ހުންނެވި ބޭފުޅާގެ ޝަރަފު ނަރެންދުރަ މޯދީ ހޯއްދެވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެމަނިކުފާނަށް މަރުޙަބާ ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މޯދީއަށް ފޮނުއްވި ތަހުނިޔާގެ މެސެޖުގައި، މިއީ އިންޑިއާގެ ތާރީޚުގައިވެސް ފާހަގަކޮށްލެވޭފަދަ ބޮޑު އަދި މުހިންމު ކާމިޔާބީއެއްކަމުގައި ވަނީ ސިފަކުރައްވާފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮންނަ ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިވެ، ވަރުގަދަވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ދެ ގައުމުގެ ގުޅުން ބިނާވެފައިވަނީ އެއް ގައުމުން އަނެއް ގައުމަށް ކުރާ އިޙުތިރާމާއި، މިނިވަންކަމާއި ސިޔާދަތީ ހަމަހަމަކަމުގެ މައްޗަށްކަން ފާހަގަކުރައްވައި، ރާއްޖޭގެ ތަރައްޤީގައި އިންޑިއާއަކީ ވަރަށް މުހިންމު ބައިވެރިއެއްކަން ރައީސްގެ މެސެޖުގައި ވަނީ ތަކުރާރުކުރައްވާފައެވެ. އަދި އިޤުތިޞާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ދެ ގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ގުޅިގެން މަސައްކަތްކުރުމަށް ދިވެހި ސަރުކާރުން އިސްކަންދޭކަންވެސް ވަނީ ހާމަކުރައްވާފައެވެ.
މޯދީއަށް މި ލިބިވަޑައިގެންނެވި ޝަރަފަކީ އިންޑިއާގެ ރައްޔިތުންގެ މެދުގައި އެމަނިކުފާނަށް އޮތް ބޮޑު ތާއީދާއި އިތުބާރު ދައްކުވައިދޭ ކަމެއްކަމަށް ބައިނަލްއަޤުވާމީ މީޑިއާތަކުން ރިޕޯޓުކުރަމުންދާއިރު، ދުނިޔޭގެ އެކި ގައުމުތަކުގެ އިސްވެރިންވެސް އަންނަނީ މޯދީގެ މި ތާރީޚީ ކާމިޔާބީ ފާހަގަކުރައްވައި މަރުޙަބާ ވިދާޅުވަމުންނެވެ.
ކޮމެންޓު ފޮނުވާ