ހުޅުމާލޭ ފަޅުތެރެއިން އަތުލައިގަތް 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި 50 އަހަރަށް ޖަލަށްލާފައިވާ ޝަހީބު އިބްރާހީމަށް މީހަކު ދޭންޖެހޭ 650،000 ރުފިޔާ ހިފެހެއްޓުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން އަމުރުކޮށްފިއެވެ.
މި ފައިސާއަކީ ށ. ފޯކައިދޫ އައްސޭރި، އަޙްމަދު އަޝްފާޤުގެ ފަރާތުން ޝަހީބަށް ދެއްކުމަށް ސިވިލް ކޯޓުން މިދިޔަ ފެބްރުއަރީ މަހު ކުރި ހުކުމަކާ ގުޅިގެން ލިބެންޖެހޭ ފައިސާއެކެވެ. ހައިކޯޓުން މިއަދު މި ފައިސާ ހިފަހައްޓަން އަމުރުކުރީ، ސިވިލް ކޯޓުގެ ނިންމުން އަޝްފާޤުގެ ފަރާތުން އެ ކޯޓުގައި އިސްތިއުނާފު ކުރުމާ ގުޅިގެންނެވެ. ފައިސާ ހިފަހައްޓަން އަމުރުކުރި ނަމަވެސް، ދަށު ކޯޓުގެ ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް ނެރެދެވެން ނެތްކަމަށް ހައިކޯޓުން ވަނީ ކަނޑައަޅާފައެވެ.
މިއީ 2019 ވަނަ އަހަރު ޝަހީބާއި އަޝްފާޤާމެދު ވެފައިވާ އެއްބަސްވުމަކާ ޚިލާފުވެގެން އުފެދުނު މައްސަލައެކެވެ. ޝަހީބު ފުރަތަމަ ކޯޓަށް ހުށަހެޅީ އޭނާ ދިންކަމަށް ބުނާ 650،000 ރުފިޔާގެ އިތުރުން، ފައިސާ ނުދައްކައި ހިނގި މުއްދަތަށް މަހަކު 65،000 ރުފިޔާގެ މަގުން ޖޫރިމަނާ ހިމަނައިގެން ޖުމްލަ ދެ މިލިއަނެއްހާ ރުފިޔާ ހޯދުމަށެވެ. ނަމަވެސް ސިވިލް ކޯޓުގެ ގާޒީ ފައްޔާޒް ޝާތިރު ކުރެއްވި ހުކުމުގައި ޖޫރިމަނާގެ ބައި އުނިކުރުމަށްފަހު ނިންމެވީ، ހަމައެކަނި އަސްލު ފައިސާ ކަމަށްވާ 650،000 ރުފިޔާ ތިން މަސްދުވަހުގެ ތެރޭގައި ދެއްކުމަށެވެ.
ސިވިލް ކޯޓުން މި ފައިސާ ޝަހީބަށް ދިނުމަށް ހުކުމް ކުރިއިރު، 2020 ވަނަ އަހަރު އަތުލައިގަތް ބޮޑު ޑްރަގް ނެޓްވޯކްގެ މައްސަލަ ސާބިތުވެ އޭނާ ހުރީ ޖަލުގައެވެ. 50 އަހަރުގެ ދިގު ޖަލު ހުކުމެއްގެ އިތުރުން، 10 މިލިއަން ރުފިޔާއިން ދައުލަތަށް ޖޫރިމަނާ ދެއްކުމަށްވެސް މިދިޔަ ސެޕްޓެމްބަރު މަހު ޝަހީބުގެ މައްޗަށް ވަނީ ހުކުމްކޮށްފައެވެ.
ކޮމެންޓު ފޮނުވާ