އޮނިގަނޑަށް ގެނައި ބޮޑެތި ބަދަލުތަކަކާއެކު، 38 ވަނަ ޤައުމީ ޤުރުއާން މުބާރާތުގެ އޮޑިޝަންތައް މިއަދު ފަށައިފިއެވެ. މިއަހަރުގެ މުބާރާތުގައި ވާދަކުރުމަށް މުޅި ރާއްޖެއިން 3،053 ބައިވެރިން ވަނީ ނަން ހުށަހަޅާފައެވެ.
އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާގޮތުގައި، މި ފަހަރުގެ އޮޑިޝަންތައް ކުރިއަށް ގެންދަނީ އަތޮޅުތަކަށް ވަކިންނެވެ. އެގޮތުން އުތުރުގެ އަތޮޅުތަކުން ފެށިގެން ދެކުނުގެ އަތޮޅުތަކާ ހަމައަށް، ޖޫން މަހާއި ޖުލައި މަހުގެ އެކި ތާރީޚުތަކުގައި އޮޑިޝަންތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މާލެ އަތޮޅުގެ ރަށްތަކާއި މާލެ ސިޓީގެ އޮޑިޝަންތައް ޖުލައި މަހުގެ ކުރީކޮޅު ބޭއްވުމަށްފަހު، މުބާރާތުގެ މައިގަނޑު ކިޔެވުން ފަށާނީ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ.
ތިން ބުރަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެ ސެމީ ފައިނަލް އަދި ފައިނަލް ބުރު އޮންނާނީ މާލޭގައެވެ. ސެމީ ފައިނަލުން ޖާގަ ލިބޭނީ އޮޑިޝަނުން 80 އިންސައްތައަށްވުރެ މަތިން މާކްސް ހޯދާ ކުދިންގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 500 ބައިވެރިންނަށެވެ. އަދި ފައިނަލަށް ދަތުރުކުރާނީ ސެމީ ފައިނަލްގައި 85 އިންސައްތައަށްވުރެ މަތިން މާކްސް ހޯދާ އެންމެ މޮޅު 150 ބައިވެރިންނެވެ. ސެމީ އަދި ފައިނަލް ބުރު ކުރިއަށްދާނީ ސެޕްޓެމްބަރު 11 އިން 19 އަށެވެ.
މިއަހަރުގެ މުބާރާތުގެ އިންސާފުކުރުން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، ސެމީ ފައިނަލާއި ފައިނަލްގެ ފަނޑިޔާރުންގެ ޕެނަލްގައި ބައިނަލްއަޤްވާމީ ފެންވަރުގެ ފަނޑިޔާރުން ހިމެނުމަށް ވަނީ ނިންމާފައެވެ. މުބާރާތުގެ އެކި އުމުރުފުރާތަކުންނާއި މުޅި މުބާރާތުން ބަލައިގެން އަދި ނުބަލައި ކިޔެވުމުގެ ބައިންނާއި ޙާފިޡުންގެ ބައިން ވަނަތައް ހޮވާއިރު، މުޅި މުބާރާތުން އެއްވަނައަށް ދާ ފަރާތަކަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިނާމު ލިބިގެންދާނެއެވެ.
ކޮމެންޓު ފޮނުވާ