"މާލެ ޓެކްސީ" އެޕްލިކޭޝަން މިހާރު ގޫގުލް ޕްލޭ ސްޓޯރުން ލިބޭނެ

"މާލެ ޓެކްސީ" އެޕްލިކޭޝަން މިހާރު ގޫގުލް ޕްލޭ ސްޓޯރުން ލިބޭނެ

Author
އަހުމަދު
05 ޖޫން 2026 10:11
0

ސަރުކާރުން ތައާރަފުކޮށްފައިވާ "މާލެ ޓެކްސީ" ލައިންގެ އެޕްލިކޭޝަން މިހާރު އެޕް ސްޓޯރާއި ގޫގުލް ޕްލޭ ސްޓޯރުން ޑައުންލޯޑް ކުރެވޭނެ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.

މީގެ ކުރިން މި ހިދުމަތް ހޯދަމުން އައީ ކޯލް ސެންޓަރަށް ގުޅައިގެންނާއި ވެބްސައިޓް މެދުވެރިކޮށެވެ. ނަމަވެސް، އެޕްލިކޭޝަން ތައާރަފުކުރުމާއެކު ރައްޔިތުންނަށް އިތުރު ލުއިފަސޭހަތަކެއް ލިބި، ވަރަށް ފަސޭހަކަމާއެކު ޓެކްސީ ދަތުރުތަކަށް އެދެވޭނެ މަގު މިހާރު ވަނީ ފަހިވެފައެވެ. މިއީ ރައްޔިތުންނަށް އިތުބާރު ކުރެވޭ، ރައްކާތެރި، ހަރުދަނާ އަދި ފެންވަރު ރަނގަޅު ޓެކްސީ ހިދުމަތެއް ފޯރުކޮށްދިނުމުގެ މަގުސަދުގައި ސަރުކާރުން ފަށާފައިވާ މުހިންމު ހިދުމަތެކެވެ.

މި ޓެކްސީ ލައިންގައި ހިދުމަތް ދިނުމަށް ބޭނުންކުރަނީ ތިމާވެއްޓާ ރައްޓެހި 150 އިލެކްޓްރިކް ކާރެވެ. އެމްޓީސީސީން މައުލޫމާތު ދޭ ގޮތުގައި، ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަ މި އުޅަނދުތައް މެދުވެރިކޮށް 24 ގަޑިއިރު މެދުކެނޑުމެއްނެތި ރައްޔިތުންނަށް ހިދުމަތް ލިބެން ހުންނާނެއެވެ.

މިދިޔަ އޭޕްރީލް މަހުގެ 2 ވަނަ ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. ހިދުމަތް ފެށުމަށްފަހު ފުރަތަމަ ދެ ހަފްތާގައި އާންމުންނަށް ހިލޭ ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖައްސައިދީފައިވާއިރު، މި ޓެކްސީތަކުން ދަތުރުތަކަށް އަގު ނަގަން ފަށާފައިވަނީ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުން ފެށިގެންނެވެ. ރިޕޯޓުތައް ބުނާގޮތުން މި ހިދުމަތަށް އާންމުންގެ ފަރާތުން އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.