ސޯޝަލް ހައުސިންގ ފުލެޓުތައް ގަވާއިދާ ޚިލާފަށް ކުއްޔަށް ދޫކުރި މައްސަލައެއްގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އެކަކު ޖޫރިމަނާކޮށް، އިތުރު ތިން މީހަކަށް ލިޔުމުން އިންޒާރު ދީފިއެވެ.
އެފްޑީސީން ހާމަކުރި ގޮތުގައި، މިދިޔަ މެއި މަހު އެޅި މި ފިޔަވަޅުތަކުގެ އިތުރުން، މިފަދަ އިތުރު ދެ މައްސަލައެއް އެ ކޯޕަރޭޝަނުން މިހާރުވެސް ދަނީ ބަލަމުންނެވެ. މީގެ ކުރިން މިދިޔަ ފެބްރުވަރީ މަހުވެސް، ފަހި ފުލެޓެއް ލޭބަރ ކުއާޓަރަކަށް ބަދަލުކޮށް ބިދޭސީންނަށް ކުއްޔަށްދިން ފަރާތެއް ބައިލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފައިވެއެވެ. އަދި ފަހި ޓަވަރަށް ކުނި އެޅި މައްސަލައެއްގައި ދެ މީހަކު 8،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާކަންވެސް އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ.
ބޯހިޔާވަހިކަން ނެތްކަމަށް ބުނެ ސަރުކާރުން ހޯދާ ފުލެޓުތައް ބޮޑު އަގުގައި ކުއްޔަށް ދިނުމަކީ ރާއްޖޭގައި ވަރަށް ބޮޑަށް އާންމުވެފައިވާ މައްސަލައެކެވެ. މިގޮތުން، ފަހި ފުލެޓުތައް ހަވާލުކޮށް ނުނިމެނީސް ކުއްޔަށްދޭން އިޝްތިހާރު ކުރުމާއި، ކުރީގެ ސަރުކާރުން ދޫކޮށްފައިވާ ހިޔާ ފުލެޓުތަކުގައިވެސް ކުއްޔަށް ދިނުމާއި ކުލި ނުދެއްކުމުގެ މައްސަލަތައް އިންތިހާއަށް ބޮޑެވެ. ސަރުކާރުން ފުލެޓުތަކުގެ ކުއްޔަށް ލުއިތައް ދެމުންދިޔަ ނަމަވެސް، އޭގެ ނާޖާއިޒު ފައިދާ ނަގައި ފުލެޓުތަކުގެ ވެރިން އެތަންތަން ބޮޑު އަގުގައި ކުއްޔަށް ދެމުންދާތީ އާންމުންގެ ފާޑުކިޔުން ވަނީ ވަރަށް ބޮޑަށް އަމާޒުވެފައެވެ.
މި މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން، ގާނޫނު އިސްލާހުކޮށްގެން ނަމަވެސް ސޯޝަލް ސްކީމްތަކުން ދޫކުރާ ފުލެޓުތައް ކުއްޔަށް ދޫކުރުން ހުއްޓުވާނެކަމަށް ހައުސިންގ މިނިސްޓަރު ޑރ. ޢަބްދުالله މުއްޠަލިބު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. ނަމަވެސް މި ގާނޫނު މަޖިލީހަށް ހުށަހަޅާނެ ތާރީޚަކާ ގުޅޭގޮތުން ބަންޑާރަނައިބު އަޙްމަދު އުޝާމްގެ ބަހެއް އަދި ލިބޭގޮތް ވަނީ ނުވެފައެވެ.
ކޮމެންޓު ފޮނުވާ