ގާނޫނުގައި ލާޒިމްކުރާ 3،000 މެންބަރުން ހަމަނުވުމުގެ ސަބަބުން، ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން އުފެއްދެވި ސިޔާސީ ޕާޓީ 'ދަ ޑިމޮކްރެޓްސް' އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު އުވާލައިފި އެވެ.
ސިޔާސީ ޕާޓީތަކުގެ ދަފްތަރުން އެ ޕާޓީ މިހާރު އުނިކޮށްފައިވާއިރު، އީސީން ބުނެފައިވަނީ ޕާޓީ އުވާލަން ނިންމީ މެންބަރުން ހަމަކުރުމަށް ގާނޫނީ ގޮތުން ދިން މުއްދަތުގެ ތެރޭގައި އެ އަދަދު ހަމަކުރެވިފައި ނުވާތީ ކަމަށެވެ. ދަ ޑިމޮކްރެޓްސް އަކީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ދިމާކޮށް، އެމްޑީޕީގެ އެތެރޭގައި އުފެދުނު ބޮޑެތި ހިޔާލުތަފާތުވުންތަކަށްފަހު އެ އަހަރުގެ ޖުލައި މަހުގެ 11 ވަނަ ދުވަހު އުފެއްދި ޕާޓީއެކެވެ.
ނަމަވެސް ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް އެ ޕާޓީއަށް އެދެވޭ ކާމިޔާބީއެއް ލިބިފައެއް ނުވެ އެވެ. އޭގެ ފަހުން، މިދިޔަ އަހަރުގެ ތެރޭގައި ރައީސް ނަޝީދުގެ އިތުރުން ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި ގިނަ ބޭފުޅުންނާއި އާންމު ސަޕޯޓަރުން ވަނީ އަލުން އެނބުރި އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ. އެއާ އެކު އެ ޕާޓީގެ ހަރަކާތްތައް އެއްކޮށް ހުއްޓި، ޕާޓީގައި ތިބި މެންބަރުންގެ އަދަދު ވަނީ ގާނޫނީ އަދަދަށް ވުރެ ދަށަށް ގޮސްފަ އެވެ.
ކޮމެންޓު ފޮނުވާ