އ.ދ. ގެ މާލީ ކޮމިޓީގެ ނައިބު މުގައްރިރުކަން ރާއްޖެއަށް

އ.ދ. ގެ މާލީ ކޮމިޓީގެ ނައިބު މުގައްރިރުކަން ރާއްޖެއަށް

Author
އަހުމަދު
03 ޖޫން 2026 10:59
0

އ.ދ. ގެ އާންމު މަޖިލީހުގެ އިޤްތިޞާދީ އަދި މާލީ ކޮމިޓީ (ސެކަންޑް ކޮމިޓީ) ގެ މުގައްރިރުގެ ނައިބުގެ މަޤާމަށް، އާންމު މަޖިލީހުގެ މެންބަރު ޤައުމުތަކުގެ އިއްތިފާޤުން ދިވެހިރާއްޖެ އިންތިޚާބުކޮށްފިއެވެ.

އ.ދ. ގެ މައި މަރުކަޒުގައި ބޭއްވި މި އިންތިޚާބާއެކު، މި މުހިންމު މަޤާމުގައި ރާއްޖެ ތަމްސީލުކުރައްވާނީ އ.ދ. އަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަ ދާއިމީ މިޝަންގެ ސެކަންޑް ސެކްރެޓަރީ، ޙުސައިން އަޛްހާން މުޙައްމަދު ޙުސައިންއެވެ. އ.ދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަން 2026 ވަނަ އަހަރުގެ ސެޕްޓެމްބަރުން ފެށިގެން 2027 ވަނަ އަހަރުގެ ސެޕްޓެމްބަރަށް ކުރިއަށްދާއިރު، ކޮމިޓީގެ މަސައްކަތްތައް ފުރިހަމަގޮތުގައި ހިންގުމަށްޓަކައި ބިއުރޯގެ މެންބަރުންނާ ގުޅިގެން ރާއްޖެއިން އިސް ދައުރެއް އަދާކުރާނެއެވެ.

އިޤްތިޞާދީ އަދި މާލީ ކޮމިޓީއަކީ ދެމެހެއްޓެނިވި ތަރައްޤީއާއި އިޤްތިޞާދީ ކުރިއެރުމާ ގުޅޭ މުހިންމު ނިންމުންތައް ނިންމާ، އ.ދ. ގެ އާންމު މަޖިލީހުގައި ހިމެނޭ މައިގަނޑު ހަ ކޮމިޓީގެ ތެރެއިން އެއް ކޮމިޓީއެވެ. މި ކޮމިޓީގެ އެންމެހައި ކަންކަން ކުރިއަށްދަނީ ބިއުރޯގެ އިރުޝާދާއި ލަފާގެ މަތިންނެވެ.

މިފަދަ މުހިންމު މަޤާމަކަށް ރާއްޖެ އިންތިޚާބުވުމަކީ، ބައިނަލްއަޤްވާމީ މައިދާނުގައި، ޚާއްޞަކޮށް ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ މަސްލަޙަތު ޙިމާޔަތްކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާއި ގެންގުޅޭ ހަރުދަނާ ސިޔާސަތުތަކަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއިން ކުރާ ފުރިހަމަ އިތުބާރު ހާމަވެގެންދާ ކަމެކެވެ. މިއީ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލުކުރުމުގެ މަސައްކަތްތައް އިތުރަށް ހަލުވިކުރުމަށް ރާއްޖެއަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.