މިއަހަރުގެ މިހާތަނަށް ރާއްޖެއިން ހިމަބިހި ޖެހިފައިވާ 11 ކޭސް ފެނިފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
މި ބަލި ފެތުރެމުންދާތީ، ހުން އައިސް ހަށިގަނޑުގައި ރަތް ބިހިތަކެއް ނަގާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ. ސިއްހީ ފަރުވާ ހޯދުމަށް ހޮސްޕިޓަލްތަކާއި ކްލިނިކްތަކަށް ދާއިރު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާސްކު އެޅުމަށާއި، ބައްޔަށް ޓެސްޓުކޮށްފިނަމަ ނަތީޖާ ލިބެންދެން ގޭގައި އެކަހެރިވެ ތިބުމަށް އެ އިދާރާއިން ވަނީ އަންގާފައެވެ. އަދި ބަލީގެ އެއްވެސް އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް ވެސް ވަނީ އިރުޝާދުދީފައެވެ.
ވައިގެ ޒަރީއާއިން ވަރަށް ހަލުވިކަމާއެކު ފެތުރޭ މި ބައްޔަކީ ކެއްސައި ކިނބިހި އަޅާއިރު ބޭރުވާ ވައިރަހުން ގާތުގައި އުޅޭ މީހުންނަށް ފަސޭހައިން ވާސިލްވާ ބައްޔެކެވެ. އެގޮތުން ބަލިމީހާގެ ފުށުން އެހެން މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު ބިހިތައް ނެގުމުގެ ހަތަރު ފަސް ދުވަސް ކުރިން ފެށިގެން، ބިހިތައް ނަގާތާ ހަތަރު ފަސް ދުވަސް ވަންދެން އޮވެއެވެ.
ކޮންމެ އުމުރެއްގެ މީހަކަށްވެސް މި ބަލި ޖެހުމުގެ ނުރައްކާ އޮތް ނަމަވެސް މިއީ އާންމުކޮށް ކުޑަކުދިންނަށް ޖެހޭ ބައްޔެކެވެ. މި ބަލިން ރައްކާތެރިވުމަށް އޮތް އެންމެ މުހިންމު ފިޔަވަޅަކީ ގައުމީ ވެކްސިން ތާވަލާ އެއްގޮތަށް ކުދިންނަށް ނުވަ މަހުގައި ދޭންޖެހޭ އެމްއާރު އަދި އެމްއެމްއާރު ވެކްސިން ފުރިހަމަކުރުން ކަމުގައި ސިއްހީ މާހިރުން ލަފާދެއްވައެވެ.
ކޮމެންޓު ފޮނުވާ