ނައިބު ރައީސްކަމުން ޖަމީލު ދުރުކުރި މައްސަލާގައި ކޯޓުން ހައްލެއް ނެތް: ދައުލަތް

ނައިބު ރައީސްކަމުން ޖަމީލު ދުރުކުރި މައްސަލާގައި ކޯޓުން ހައްލެއް ނެތް: ދައުލަތް

Author
މުޙައްމަދު ޖިމީ
14 ޖެނުއަރީ 2021 06:38
0

ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ މަގާމުން ޑރ. މުހައްމަދު ޖަމީލް އަޙްމަދު ވަކިކުރެއްވީ ރައްޔިތުންގެ މަޖިލީހުންކަމަށް ވާތީ އެފަދަ ކަންކަމުގައި ކޯޓުން ގޮތެއް ނުނިންމޭނެ ކަމަށް ދައުލަތުން ސުޕްރީމް ކޯޓުގައި މިއަދު ބުނެފިއެވެ.

2015 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ މަގާމުން ޖަމީލު ދުރުކުރެއްވި މައްސަލަ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް ހުށައެޅުއްވީ އޭނާއެވެ. އެ މައްސަލާގައި ވަނީ މަގާމުން ވަކިކުރީ ގާނޫނު އަސާސީއާ ޚިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް އެދިވަޑައިގެންފައެވެ.

މިމައްސަލާގައި މިއަދު އަޑުއެހުމުގައި ދައުލަތުންް ވަނީ ރައްޔިތުންގެ މަޖިލީހުގެ ނިންމުންތަކުގެ ސައްހަކަމުގެ މައްސަލައެއް ކޯޓުތަކަށް ނުބެލޭނެ ކަމަށް ގާނޫނުއަސާސީގައި ބުނެފައިވާކަމަށާއި، އެހެންކަމުން ޖަމީލް ހުށަހަޅުއްވާފައިވާ މައްސަލަވެސް، ގާނޫނުއަސާސީގައި ބުނާ އިސްތިސްނާ ހާލަތެއްގައި ނޫނީ ކޯޓަށް ނުބެލޭނެކަމަށް ކުރީގެ އަޑުއެހުމުގައި ދައުލަތުން ވަނީ ބުނެފައެވެ. ޖަމީލް، މަގާމުން ވަކިކުރި މައްސަލާގައި ސުޕްރީމް ކޯޓަށް ދެވޭނެ ހައްލެއް ނެތްކަމަށާ އަލުން މިފަދަ މައްސަލައެއް ތަކުރާރުވުމުގެ ފުރުސަތު ނުދިނުމަށް މަޖިލީހުން ގާނޫނު އަސާސީއަށް އިސްލާހު ގެނައުން މުހިންމު ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.

ދައުލަތުގެެ ވަކީލާ މިހެން ވިދާޅުވުމުން، ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު ވަނީ މިމައްސަލާގައި އޮތް ހައްލަކީ ކޮބައިތޯ ސުވާލު ކުރައްވާފައެވެ. އެސުވާލަށް ޖަވާބު ދެއްވަމުން ދައުލަތުގެ ވަކީލާ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲގެ ގޮޑީގެ މައްސަލާގައި ފަނޑިޔާރުން ދެއްކެވި ބައެއް ވާހަކަތައް ހިއްސާކުރައްވާފައެވެ. ދައުލަތުގެ ވަކީލު ވިދާޅުވި ކޮންމެ ކަމެއްގައި ދުސްތޫރީ ހައްލެއް ނޯންނާނެކަމަށް ފަނޑިޔާރު ހުސްނުއްސުއޫދާއި ހަވާލާދެއްވާ ވިދާޅުވިއެވެ.

ދުސްތޫރީ މައްސަލައަކާ ބެހޭ ގޮތުން ގާނޫނު އަސާސީގައި ހައްލެއް ނެތް މައްސަލައަކާ ކުރިމަތިވެއްޖެނަމަ އެކަމާ ބެހޭ ގޮތުން ގާނޫނެއް ހަދަން ސުޕްރީމް ކޯޓުން މަޖިލީހަށް ލަފާދެވިދާނެކަމަށާއި، ނަމަވެސް ސުޕްރީމް ކޯޓުން ގާނޫނެއް ނުހެދޭނެ ކަމަށްވެސް ސުޢޫދު ވިދާލުވެފައިވާކަމަށް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ. އަދި ސުޕްރީމް ކޯޓަށް ހައްލެއް ހޯދާ ދެވެން ނެތް މައްސަލައެއްގައި ވަކި ގޮތަކަށް ކޯޓަށް ގޮތްތަކެއް ބުނެދެވިދާނެކަމަށް ދައުލަތުން ނުދެކޭ ކަމަށްވެސް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ.

ނަމަވެސްް ޖަމީލްގެ ވަކީލު ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަހްމަދު މުއިއްޒު ވިދާޅުވީ، މިއީ ސުޕްރީމް ކޯޓަށް ބެލޭނެ މައްސަލައެއް ކަމަށެވެ. އެމައްސަލަ ސުޕްރީމް ކޯޓަށް ހުށައެޅީ ޖަމީލުގެ އަސާސީ ހައްގެއް ގެއްލިފައިވާތީކަމަށެވެ. އަސާސީ ހައްގެއް ގެއްލިއްޖެ ކަމަަށް ގަބޫލު ކުރެވޭނަމަ އިންސާފުވެރި ހައްލެއް ހޯދުމަށް ކޯޓަށް ދެވިދާނެ ކަމަށް ގާނޫނު އަސާސީގައި ސާފުކޮށް ބުނެފައިވާކަމަށްވެސް މުޢިއްޒު ވިދާޅުވިއެވެ.  އެހެންކަމުން މިކަމުގައި އިންސާފު ހޯދަން ކޯޓަށް ދެވޭނެކަމަށްވެސް ޖަމީލްގެ ވަކީލު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޖަމީލް ވަކިކުރުމުގައި އިޖުރާއީ އެއްވެސް އަދުލުވެރިކަމެއްވެސް ރައްޔިތުންގެ މަޖިލީހުން ގެންގުޅެފައިނުވާކަމަށެވެ. އެއީވެސް ޤާނޫނުން ލިބޭ ހައްގެއް އުނިވުންކަމަށް މުޢިއްޒު ވިދާޅުވިއެވެ.

އެހެން ވިދާޅުވުމުން ފަނޑިޔާރު އަޒްމިރާލްދާ ވަނީ މިމައްސަލާގައި ޖަމީލަށް ގެއްލިފައިވާ އަސާސީ ހައްގަކީ ކޮބައިކަން ސުވާލުކުރައްވާފައެވެ. އެއަށް ޖަވާބުދެއްވަމުން މުޢިއްޒު ވިދާލުވީ، ވަކީލުން ބޭނުން ކުރުމުގެ ހައްގު ނުދީ ވަކިކުރުމަކީ ވަރަށް ބޮޑު ހައްގެއް ގެއްލުންކަމަށެވެ. މި މައްސަލައިގައި ވާހަކަ ދެއްކެވުމުގެ ފުރުސަތަކަށް ޑރ.ޖަމީލު އެދިވަޑައިގަތުމުން ރިޔާސަތުގައި އިންނެވި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނު ޖަމީލަށް 10 މިނެޓްގެ ފުރުޞަތެއް ދެއްވިއެވެ. ނަމަވެސް ޑރ.ޖަމީލް ވަނީ އޭނާ ވާހަކަދެއްކުމަށް 25 ވަރަކަށް މިނެޓް ބޭނުންވާނެކަމަށް ވިދާލުވެފައެވެ. އެހެންކަމުން އެވަގުތު ދެވްނެ ނެތްކަމަށް ވިދާޅުވެ ދެން އޮންނަ އަޑުއެހުމެއްގައި އެފުރުޞަތު ދެއްވާނެކަމަށް ވިދާލުވެ މިއަދުގެ އަޑުއެހުން ނިންމަވާލެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.