މުންދު ފުލުހަށް ޙާޒިރުކުރީ ދަރުމަވަންތަ ހޮސްޕިޓަލް ރަހުނުކުރި ލިޔުން ޢާންމުކުރުމުން

މުންދު ފުލުހަށް ޙާޒިރުކުރީ ދަރުމަވަންތަ ހޮސްޕިޓަލް ރަހުނުކުރި ލިޔުން ޢާންމުކުރުމުން

Author
މުޙައްމަދު ޖިމީ
14 ޖެނުއަރީ 2021 04:48
0

ފުލުހަށް ޙާޒިރުކުރީ، ދަރުމަވަންތަ ހޮސްޕިޓަލް ރަހުނުކޮށްގެން ދައުލަތަށް ފައިސާ ހޯދުމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު، ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވާފައިވާ ސިޓީ ސޯޝަލް މީޑިއާގައި ޢާންމުކުރެއްވުމުންކަމަށް ޕީޕަލްސް ނެޝެނަލް ކޮންގްރެސް ޕީއެންސީގެ ނައިބުރައީސް މުޙައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

މުންދު ފުލުހުންގެ އިދާރާއަށް ހާޒިރުކުރީ މިއަދު 15:00 ގައެވެ. ފުލުހުންގެ އިދާރާއަށް ޙާޒިރުވެވަޑައިގަތުމަށްފަހު މީޑިއާއާއި ވާހަކަފުޅު ދައްކަވަމުން މުންދު ވިދާޅުވީ، ފުލުހަށް ޙާޒިރުކުރެއްވީ ސުވާލު ކުރުމަށްނޫންކަމަށާއި، ފުލުހުން ކުރާ ތަހުގީގަކާއި ގުޅިގެންކަމަށެވެ. މުންދު ވިދާޅުވީ، ފުލުހުން އޭނާގެ މައްޗަށް ތުހުމަތުކުރައްވަނީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު ފޭސްބުކްގައި ކުރެއްވި ޕޯސްޓާއެކު އެޓޭޗްކޮށްފައިވާ ލިޔުމަކާއި ގުޅިގެން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ފުލުހަށް ހުށައެޅި މައްސަލައަކާއި ގުޅިގެންކަމަށެވެ.

އެއީ ރައީސް ޔާމީންގެ ސަރުކާރުގައި ބިނާކުރި 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލް ރަހުނުކޮށް މިސަރުކާރަށް ފައިސާ ހޯދުމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ފޮނުއްވި ސިޓީ ޢާންމުކުރެއްވުމުންކަމަށެވެ. އެސިޓިގައި ދަރުމަވަންތަ ހޮސްޕިޓަލް ރަހުނުކުރަނީ 49 އިންސައްތައަށްކަމަށާއި، އެއީ300 މިލިއަން ޑޮލަރަށްކަން އެނގޭއިރު، މިސަރުކާރުގެ ވެރިން ކުރިން ތުހުމަތުކުރެއްވީ އެއީ 200 މިލިއަން ޑޮލަރުގެ ތަނެއްކަމަށެވެ. އަދި ބާކީ ފައިސާ ކޮރަޕްޝަންކަމަށް ތުހުމަތުކޮށް ދެއްކި ވާހަކަތަކަކީ ހަޤީގަތެއް ނޫންކަން މިހާރު ހާމަވާނެކަމަށް މުންދު ވިދާޅުވިއެވެ.

އެސީޓި ކޮންމެ ސިފައެއްގައި ބޭރު ކުރެވުނަސް އެމީހަކާމެދު ތަހުގީގްކުރެވިގެން ނުވާނޭ. ފުލުހުންނަށް ދެންނެވިން މިއީ ކުރެވޭނެ ތަހުގީގެއްވެސް ނޫނޭ ހަގީގަތުައި. އަދި ތަހުގީގް އަޅުގަނޑަށް ރައްދުވިޔަސް އަދި އެހެން މީހަކަށް ރައްދުވިޔަސް.

– ޕީއެންސީގެ ޏާއިބު ރައީސް މުޙައްމަދު ޙުސައިން ޝަރީފް

ރާއްޖޭގެ ޞިއްޙީ ނިޒާމު ހަރުދަނާ ކުރުމަށް ރައީސް ޔާމީން ބިނާކުރެއްވި ދަރުމަވަންތަ ހޮސްޕިޓަލް ރަހުނު ކުރަން މިސަރުކާރުން ނިންމެވުމާއި ގުޅިގެން ވަރަށް ގިނަ ބައެއްގެ ފާޑުކިއުން މިސަރުކާރަށް އަމާޒުވިޔެއެވެ. ފާޑުކިއުންތައް އަމާޒުވުމާއެކު ދަރުމަވަންތަ ވިއްކާލަން ނޫޅޭކަމަށް ފިނޭންސް އިން ފަހުން ވަނީ ބުނެފައެވެ.  ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ސޮއިކޮށް ރައީސް ޞާލިހުއަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ 300 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކެއް އިޝޫ ކުރުމަށް ބޭނުންވާ އެސެޓް (ދަރުމަވަންތަ ހޮސްޕިޓަލް) މިނިސްޓްރީ އޮފް ފިނޭންސް އަށް ރަޖިސްޓްރީ ކުރުމާއި ބެހޭ ދައުލަތަށް ބޭނުންވާ ފައިސާ ހޯދުމަށް ބައިނަލް އަޤުވާމީ މާލީ ބާޒާރަށް 300 މިލިއަން ޑޮލަރުގެ ސުކޫކެއް ވިއްކުމުގެ މަސައްކަތް އިސްލާމިކް ކޯޕަރޭޝަން ފޮރ ދި ޑިވެލޮޕްމެންޓް އޮފް ޕްރައިވެޓް ސެކްޓަރ (އައި.ސީ.ޑީ) އާއި އެކު މަަޝްވަރާ ކުރަމުންދާކަމަށެވެ.

އިސްލާމީ ޝަރީއާގެ ހަމަތަކުގެ މަތިން މި ސުކޫކު ވިއްކުމަށް 100 އިންސައްތަ ސަރުކާރު ހިއްސާވާ ސްޕެޝަލް ޕަރޕަސް ވެސަލް (އެސް.ޕީ.ވީ) އެއް ހެދުމަށްފަހު ސުކޫކުގެ 51 އިންސައްތަ އަށްވުރެ މަތިން އަގުކުރެވޭ އެސެޓެއްގެ ބެނެފިޝަލް އޯނަރޝިޕް މި އެސް.ޕީ.ވީ އަށް ޓްރާސްފަރ ކުރަން ޖެހެއެވެ. މި ވަގުތު ސަރުކާރުގެ ހުރި އެސެޓްތައް ބެލުމަށްފަހު މިކަމަށް އެންމެ އެކަށީގެންވާ އެސެޓަކީ ދަރުމަވަންތަ ހޮސްޕިޓަލް ކަމުން، ދަރުމަވަންތަ ހޮސްޕިޓަލް ބޭނުން ކުރުމަށް ވަނީ ނިންމާފައިކަމަށެވެ.

ޝަރީއާ އޮނިގަނޑުގެ ތެރެއިން މި ސުކޫކު، އިޝޫ ކުރުމަށް ބޭނުން ކުރަން ޖެހޭ އެސެޓަކީ މިނިސްޓްރީ އޮފް ފިނޭންސްގެ ނަމުގައި ރަޖިސްޓަރ ކުރެވިފައިވާ އެސެޓަކަށް ވާންޖެހޭއިރު، މިވަގުތު ދަރުމަވަންތަ ހޮސްޕިޓަލް ރެޖިސްޓްރީ ކުރެވިފައިވަނީ މިނިސްޓްރީ އޮފް ހެލްތުގެ ނަންމައްޗަށްކަމުގައި ބުނެފައިވެއެވެ. އެހެންކަމުން މި ސުކޫކު އިޝޫކުރުމަށް ދަރުމަވަންތަ ހޮސްޕިޓަލް ފިނޭންސް މިނިސްޓްރީގެ ނަންމައްޗަށް ރަޖިސްޓްރީ ބަދަލުކޮށްދެއްވުމަށް މިސިޓީގައި ވަނީ އެދިވަޑައިގަންނަވާފައެވެ.

ދަރުމަވަންތަ ހޮސްޕިޓަލަަކީ ރައީސް ޔާމީންގެ ސަރުކާރުން ހިންގަވާފައިވާ ބޮޑު ކޮރަޕްޝަނެއްކަަމަށް ވިދާޅުވެ ރައީސް ޞާލިހުއާއި، މިސަރުކަރުގެ އިސްބޭފުޅުން އެތަކެއް ފޯރަމެއްގައި ވާހަކަ ދައްކަވާފައިވާ އިމާރާތެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.