ތާރީޚީ 6 ވަނަ ވޯލްޑް ކަޕަށް މެސީއާއެކު އާޖެންޓީނާގެ ސްކޮޑު އިއުލާންކޮށްފި

ތާރީޚީ 6 ވަނަ ވޯލްޑް ކަޕަށް މެސީއާއެކު އާޖެންޓީނާގެ ސްކޮޑު އިއުލާންކޮށްފި

Author
އަހުމަދު
29 މެއި 2026 09:44
0

އަންނަ މަހު ފަށާ ފީފާ ވޯލްޑް ކަޕުގައި ވާދަކުރާ އާޖެންޓީނާގެ ގައުމީ ސްކޮޑުގައި ކެޕްޓަން ލިއޮނެލް މެސީ ހިމަނައިފިއެވެ. މިއާއެކު އޭނާ ވެގެންދާނީ 6 ވޯލްޑް ކަޕެއްގައި ކުޅޭ މަދު ކުޅުންތެރިންގެ ތެރެއިން އެކަކަށެވެ.

އުމުރުން 38 އަހަރުގެ މެސީއާއެކު ކޯޗު ލިއޮނެލް ސްކެލޯނީ ވަނީ 26 ކުޅުންތެރިންގެ ސްކޮޑެއް މިއަދު ފީފާއަށް ހުށަހަޅާފައެވެ. މި މުބާރާތުގައި ކުޅުމާއެކު މެސީ ވެގެންދާނީ، ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯއާ އެއްފަދައިން ހަ ވޯލްޑް ކަޕެއްގައި ކުޅޭނެ ފުރަތަމަ ފިރިހެން ކުޅުންތެރިންގެ ތެރެއިން އެކަކަށެވެ. މެސީ މިހާތަނަށް ގައުމީ ޓީމަށް 198 މެޗު ކުޅެދީފައިވާއިރު، މުބާރާތުގެ ކުރިން ކުޅޭ އެކުވެރިކަމުގެ ދެ މެޗުގައި ކުޅެފިނަމަ އޭނާ ގައުމީ ޓީމަށް ކުޅެދިން މެޗުގެ އަދަދު 200 އަށް އަރާނެއެވެ.

މީގެ ހަތަރު އަހަރު ކުރިން ގަތަރުގައި ފްރާންސް ބަލިކޮށް އާޖެންޓީނާއިން ތިންވަނަ ފަހަރަށް ވޯލްޑް ކަޕް ކާމިޔާބުކުރިއިރު މެސީ ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. އެ މުބާރާތް ކާމިޔާބުކުރި ޓީމުގައި ހިމެނުނު މުހިންމު ގިނަ ކުޅުންތެރިންތަކަކަށް މިފަހަރުގެ ސްކޮޑުންވެސް ސްކެލޯނީ ވަނީ ފުރުސަތު ދީފައެވެ. އޭގެ ތެރޭގައި ގޯލްކީޕަރު އެމިލިއާނޯ މާޓިނޭޒް، އެންޒޯ ފެނާންޑޭޒް، އެލެކްސިސް މެކަލިސްޓަރ، ލިސަންދްރޯ މާޓިނޭޒް އަދި ކްރިސްޓިއަން ރޮމޭރޯ ހިމެނެއެވެ.

މިފަހަރުގެ ވޯލްޑް ކަޕްގައި އާޖެންޓީނާ ލައްވާލާފައިވަނީ ގްރޫޕް ޖޭ ގައެވެ. މި ގްރޫޕްގައި އާޖެންޓީނާއާ ދެކޮޅަށް ނުކުންނާނީ އަލްޖީރިއާ، އޮސްޓްރިއާ އަދި ޖޯޑަންއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.