ޔަމަނުގެ ކުރީގެ ރައީސް އަބްދު ރައްބޫ މަންސޫރު ހާދީ އަވަހާރަވެއްޖެ

ޔަމަނުގެ ކުރީގެ ރައީސް އަބްދު ރައްބޫ މަންސޫރު ހާދީ އަވަހާރަވެއްޖެ

Author
އަހުމަދު
28 މެއި 2026 11:31
0

ޔަމަނުގެ ކުރީގެ ރައީސް އަބްދު ރައްބޫ މަންސޫރު ހާދީ އުމުރުފުޅުން 80 އަހަރުގައި އަވަހާރަވެއްޖެއެވެ. އެމަނިކުފާނު އަވަހާރަވިކަން އެ ގައުމުގެ ރިޔާސީ އޮފީހުން ވަނީ ކަށަވަރުކޮށްދީފައެވެ.

ހާދީ އަވަހާރަވުމުގެ ހިތާމައިގައި ޔަމަނުގައި މިހާރު ވަނީ ތިން ދުވަހުގެ ގައުމީ ހިތާމަ އިއުލާންކޮށްފައެވެ. މި މުއްދަތުގެ ތެރޭގައި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރުމަށާއި، ތައުޒިޔާގެ ދަފްތަރެއް ހުޅުވުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. ޔަމަނުގެ ރިޔާސީ އޮފީހުން ނެރުނު ބަޔާނެއްގައި ވަނީ، ދާޚިލީ ހަނގުރާމައާއި އިގްތިސާދީ ބޮޑެތި ކާރިސާތަކުގެ ތެރޭގައި ގައުމު ހިންގެވުމުގައި ހާދީ ދެއްކެވި ހިކުމަތްތެރި ލީޑަރޝިޕަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ.

އަރަބް ސްޕްރިންގްގެ މުޒާހަރާތަކާ ގުޅިގެން 33 އަހަރަށްފަހު ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިހު ވެރިކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެން، ހާދީ ވެރިކަމާ ހަވާލުވެވަޑައިގަތީ 2012 ވަނަ އަހަރުއެވެ. އޭގެ ކުރިން އެމަނިކުފާނު ވަނީ ގިނަ ދުވަސްތަކެއް ވަންދެން ގައުމުގެ ނައިބު ރައީސްކަމާއި ޑިފެންސް މިނިސްޓަރުކަން ވެސް ފުރުއްވާފައެވެ. ހާދީގެ ވެރިކަމުގެ ދުވަސްވަރަކީ ހޫޘީން ޔަމަނުގެ ބޮޑު ސަރަހައްދެއް ހިފައި، ގައުމު ބޮޑު ދާޚިލީ ހަނގުރާމައެއްގެ ތެރެއަށް ވެއްޓިގެން ދިޔަ އުނދަގޫ ދުވަސްވަރެކެވެ.

މީލާދީން 1945 ވަނަ އަހަރު އުފަންވެވަޑައިގަތް ހާދީ އަކީ އަސްކަރީ ދާއިރާއިން މަތީ ތައުލީމާއި ތަޖުރިބާ ހާސިލުކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އެގޮތުން 1964 ވަނަ އަހަރު މިލިޓަރީ ސްކޫލަކުން ދަސްވެނިވެވަޑައިގަތުމަށްފަހު، އެމަނިކުފާނު ވަނީ އިނގިރޭސިވިލާތުންނާއި މިސްރުން އަސްކަރީ އަދި ހަނގުރާމަމަތީ އުޅަނދުފަހަރާ ބެހޭ ޚާއްސަ ތަމްރީނުތައް ފުރިހަމަކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.