ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ދުނިޔޭގެ އެވްރެޖް ހޫނުމިން މީގެ ކުރިން ނުދާހާ މައްޗަށް އުފުލިގެންދާނެ ކަމަށް އދ. ގެ މޫސުމާ ބެހޭ އިދާރާ އާއި އިނގިރޭސިވިލާތުގެ މެޓް އޮފީހުން އިންޒާރު ދީފި އެވެ.
މި އިދާރާތަކުން ގުޅިގެން ނެރުނު ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން، ކުރިއަށް އޮތް އަހަރުތަކުގައި ދުނިޔޭގެ އެވްރެޖް ހޫނުމިން ހުންނާނީ ސިނާއީ އިންގިލާބުގެ ކުރީގެ މިންވަރަށްވުރެ 1.3 އާއި 1.9 ޑިގްރީ ސެލްސިއަސްއާ ދެމެދުގެ މިންވަރަކަށް އުފުލިފަ އެވެ. މިއީ 2015 ވަނަ އަހަރުގެ ޕެރިސް އެގްރީމެންޓުގައި ކަނޑައެޅި 1.5 ޑިގްރީގެ އަމާޒަށްވުރެ މަތިވުމުގެ ނުރައްކާ އޮތް ކަމެކެވެ. އިނގިރޭސި މެޓް އޮފީހުގެ ސައިންޓިސްޓް މެލީސާ ސީބްރޫކް ފާހަގަކުރެއްވި ގޮތުގައި، ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީގައި ހިފެހެއްޓުމަށް އޮތް ފުރުސަތު މިހާރު ދަނީ ވަރަށް ބޮޑަށް ހަނިވަމުންނެވެ.
މިކަމުގެ ސަބަބުން ދުނިޔޭގެ މޫސުމީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އެގޮތުން އާކްޓިކް ސަރަހައްދުގެ އައިސްތައް ވިރި، އެ ސަރަހައްދު ހޫނުވާ މިންވަރު އެހެން ހިސާބުތަކަށްވުރެ ތިން ގުނަ އަވަސްވާނެ އެވެ. އަދި މޫސުމީ ނުރައްކާތެރި ހާދިސާތައް ގިނަވެ، ޔޫރަޕާއި އެމެރިކާގެ އުތުރުގެ ގައުމުތަކަށް ބޯކޮށް ވާރޭވެހުމުގެ އިތުރުން އެމެޒޯން ފަދަ ސަރަހައްދުތަކަށް އާދަޔާ ހިލާފަށް ހޫނުގަދަވެ ހަނަފަސްކަމާ ކުރިމަތިލާން ޖެހޭނެ ކަމަށް ވެސް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.
ކޮމެންޓު ފޮނުވާ