މާލޭގެ މިސްކިތްތަކުގެ ބަންގީގެ އަޑު ބޭރަށް ނީވޭ ގޮތަށް މަޑުކުރުމަށް ސަރުކާރުން އަންގާފައިވާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް އިސްލާމިކް މިނިސްޓްރީން ދޮގުކޮށްފިއެވެ.
ދީނީ އިލްމުވެރިޔާ އާދަމް ނިޝާން ރޭ ފުރުގާން މިސްކިތް ކައިރީގައި ހުންނަވައިގެން ވިދާޅުވީ، ހުރިހާ މިސްކިތްތަކެއްގެ އިމާމުން މިނިސްޓްރީއަށް ހާޒިރުކުރުމަށްފަހު، މިސްކިތުން ބޭރަށް އަޑު ނީވޭ ވަރަށް ބަންގި ގޮވުމަށް އަންގާފައިވާ ކަމަށެވެ. އަދި އެގޮތުގެ މަތިން ރޭގެ އިޝާ ނަމާދުގެ ބަންގި ގޮވާފައިވަނީ ބޭރަށް އަޑު ނީވޭ ވަރަށް ކަމަށާއި، މިސްކިތުގެ ކުޑަދޮރުތައް ބަންދުކޮށްފައި ހުރުމުން އެއްގޮތަކަށްވެސް އަޑު ނީވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް، މި ތުހުމަތުތަކަށް ރައްދުދެއްވައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ އެކަން ދޮގުކުރައްވާފައެވެ. ފޭސްބުކްގައި ހިއްސާކުރެއްވި ސްޓޭޓަސްއެއްގައި މިނިސްޓަރު ވިދާޅުވީ، މިސްކިތްތަކުން ބޭރަށް އަޑު ނީވޭވަރަށް އަޑުތައް ކަނޑާލަން އެންގި ކަމަށް ބުނެ ފަތުރަމުން އެދަނީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ.
ކޮމެންޓު ފޮނުވާ