ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން އިންޑިއާގެ އިގްތިސާދަށް ކުރިމަތިވެފައިވާ މާލީ ފިއްތުންތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން، އެ ގައުމުގެ މަރުކަޒީ ބޭންކުން ރެކޯޑު އަދަދެއް ކަމަށްވާ 2.86 ޓްރިލިއަން ރުޕީސް ސަރުކާރަށް ދޫކުރަން ނިންމައިފިއެވެ.
ރިޒާވް ބޭންކް އޮފް އިންޑިއާ (އާރުބީއައި) އިން ސަރުކާރަށް ދޭން ނިންމި މި ފައިސާއަކީ ގާތްގަނޑަކަށް 29.9 ބިލިއަން އެމެރިކާ ޑޮލަރެވެ. މިއީ 2025-26 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓަށް އެހީތެރިވުމަށް ދޫކުރާ ފައިސާއެކެވެ. މިދިޔަ އަހަރު ދޫކުރި 2.69 ޓްރިލިއަން ރުޕީއާ އަޅާބަލާއިރު މިއީ އިތުރު އަދަދެއް ނަމަވެސް، މިއީ އިގްތިސާދީ މާހިރުން ލަފާކުރި 3 ޓްރިލިއަން ރުޕީއަށްވުރެ ކުޑަ އަދަދެކެވެ. އާންމު ގޮތެއްގައި މަރުކަޒީ ބޭންކުން ކޮންމެ އަހަރަކުވެސް ނޫޓު ޗާޕުކުރުމާއި އިންވެސްޓްމަންޓްތަކުން ލިބޭ ފައިދާގެ ތެރެއިން ބައެއް ސަރުކާރަށް ދޫކުރެއެވެ. މިފަހަރުގެ އަދަދު ކަނޑައަޅާފައިވަނީ އިގްތިސާދީ ހާލަތާއި ކުރިމަތިވެދާނެ ނުރައްކާތަކަށް ބެލުމަށްފަހުގައެވެ.
އިންޑިއާގެ ސަރުކާރުގެ ހަރަދުތައް ބޮޑުވެ ބަޖެޓަށް ބާރުބޮޑުވެފައިވަނީ، އީރާނުގައި ފެށިފައިވާ ހަނގުރާމައާ ގުޅިގެން ހަކަތައިގެ ބާޒާރަށް އައިސްފައިވާ ބަދަލުތަކާ ހެދިއެވެ. ދުނިޔޭގައި ތިންވަނައަށް އެންމެ ގިނައިން ތެޔޮ އެތެރެކުރާ ގައުމުގެ ހައިސިއްޔަތުން، އިންޑިއާއަށް ބޭނުންވާ ތެލުގެ ދެބައިކުޅައެއްބައި ގެންނަނީ ހޮރްމޫޒް ކަނޑުއޮޅިންނެވެ. ނަމަވެސް ފެބްރުއަރީ މަހުގެ ފަހުކޮޅުން ފެށިގެން އީރާނުން އެ ސަރަހައްދު ބަންދުކުރުމުގެ ސަބަބުން، ތެޔޮ އެތެރެކުރުމުގެ ހަރަދު ވަނީ އިންތިހާއަށް އުފުލިފައެވެ.
ތެލުގެ އަގުބޮޑުވުމާއެކު އިންފްލޭޝަން މަތިވުމުގެ ބިރު ހީވެ، ކަރަންޓް އެކައުންޓް ޑެފިސިޓް ވަނީ ފާއިތުވި 14 އަހަރު ނުދާހާ މައްޗަށް ގޮސްފައެވެ. މީގެ ސަބަބުން އިންޑިއާ ރުޕީގެ އަގު ވެއްޓުމުގެ ނުރައްކާވެސް ވަނީ ބޮޑުވެފައެވެ. މީގެ އިތުރުން ގަސްކާނާގެ އަގުބޮޑުވުމާ ގުޅިގެން ދަނޑުވެރިންނަށް ދޭންޖެހޭ ސަބްސިޑީ ބޮޑުވެ، ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުގެ ބަޖެޓަށް ވަނީ އިތުރު ބުރައަކާ ކުރިމަތިލާން ޖެހިފައެވެ.
މި ހާލަތާ ގުޅިގެން އިގްތިސާދީ މާހިރުން މިހާރު ވަނީ 2026-27 ވަނަ އަހަރު އިންޑިއާގެ އިގްތިސާދު ކުރިއަރާނެ ކަމަށް ކުރިން ލަފާކުރި މިންވަރު ދަށްކޮށްފައެވެ. އަދި ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި އެ ގައުމުގެ ފިސްކަލް ޑެފިސިޓް، ކަނޑައަޅާފައިވާ އަމާޒަށްވުރެ މައްޗަށް ހިނގައިދާނެކަމުގެ އިންޒާރުވެސް މާހިރުން ވަނީ ދީފައެވެ.
ކޮމެންޓު ފޮނުވާ