ގައުމީ ކުތުބުޚާނާއަށް 75 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން އަލަށް ތައާރަފް ކުރާ "މޭކަރސްޕޭސް"ގެ ޚިދުމަތް ގާއިމުކޮށްދިނުމުގައި އެހީތެރިވެދިނުމާއި ހަރަކާތްތައް ހިންގުމަށް "އޮފިޝަލް ޕާޓްނަރ" އެއްގެގޮތުގައި ސްޓެމްސްޕޭސް ހަމަޖައްސައިފި އެވެ.
މިއަދު ގައުމީ ކުތުބުޚާނާގައި އޮތް ރަސްމިއްޔާތެއްގައި މި ފަހުމުނާމާގައި ގައުމީ ކުތުބުޚާނާގެ ފަރާތުން ސޮއިކުރެއްވީ ފަންނާއި ސަގާފަތާއި ތަރިކައިގެ ވަޒީރުގެ ނައިބު އަޙްމަދު މުޙުސިނެވެ. އަދި ސްޓޭމް ސްޕޭސްގެ ފަރާތުން ސޮއިކުރެއްވީ ސްޓެމް ސްޕޭސްގެ ފައުންޑަރ އަދި ސީއީއޯ ޑރ. އިބްރާހިމް ލަޠީފްއެވެ.
މި ފަހުމުނާމާގެ ދަށުން ސްޓެމް ސްޕޭސްގެ އެހީތެރިކަމާއިއެކު ގައުމީ ކުތުބުޚާނާގައި މި ޕްރޮގްރާމް ކުރިއަށްގެންދާނީ އެއް އަހަރުދުވަހުގެ މުއްދަތަށް ކަމަށް ގައުމީ ކުތުބުޚާނާއިން ބުނެއެވެ. އެއަށްފަހުވެސް މި ޕްރޮގްރާމް އެ އިދާރާއިން ކުރިއަށް ގެންދިއުމަށް ރޭވިފައި ވާކަމަށް ގައުމީ ކުތުބުޚާނާއިން ބުނެއެވެ.
މޭކަރސްޕޭސްއަކީ އެކި ވައްތަރުގެ އާލާތްތަކާއި ތިމާއަށް ލިބިފައިވާ ޢިލްމެއް އަދި ބިނާކުރަނިވި ޚިޔާލު އެހެން ފަރާތްތަކާއި ހިއްސާކުރުމަށް ދެވިފައިވާ ތަނެއް ނުވަތަ ޖާގައެކެވެ. ޤައުމީ ކުތުބުޚާނާ އަދި ކުޑަކުދިންގެ މަލްޓިމީޑިއާ ލައިބްރަރީގައި ތަފާތު އުމުފުރައަށް ފަރުމާކުރެވިގެން މޭކަރސްޕޭސްގެ ހަތަކާތްތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.
މި ޕްރޮގްރާމްގެ މައިގަނޑު ބޭނުމަކީ ކުދިންގެ ފަންނީ ހުނަރު އާލާކޮށް، ތަފާތު ނަޒަރިއްޔާތުތަކުން ވިސްނައިގެން ކަންކަމަށް ޙައްލު ހޯދަން ދަންނަ، އިޖާދީ މުޖުތަމައުއެއް ބިނާކުރުން ކަމަށްވެސް ކުތުބުޚާނާއިން ބުނެއެވެ.
ކޮމެންޓު ފޮނުވާ